28 Jun 2021, 09:35
ސަން މީޑިއާ ގްރޫޕްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަކަށް ޑރ. އަޝްރަފް އަބްދުއްރަހީމް ހަމަޖައްސައިފި އެވެ.
ޑރ. އަޝްރަފް މިއަދު ވަނީ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. އޭނާ އަކީ މެލޭޝިއާގެ އޭޝިއާ އީ ޔުނިވާސިޓީ އިން ޑޮކްޓަރ އޮފް ފިލޯސޮފީ (ބިޒްނަސް އެޑްމިނިސްޓްރޭޝަން) ހާސިލް ކުރައްވަވާފައިވާ ބޭފުޅެކެވެ. ހަމަ އެއާއެކު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން މާސްޓާސް އޮފް މެނޭޖްމަންޓާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން، ދިވެހި ބަހުގެ ޑިގުރީ ފުރިހަމަ ކުރައްވާފައެވެ.
މީގެ އިތުރުން ޑރ. އަޝްރަފަކީ ދިވެހި ބަހުގެ ލިޔުންތެރިކަމަށާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ގައުމީ އިނާމު ލިބިވަޑައިގެންފައި ވެއެވެ.
ސަން މީޑިއާގެ ދަށުން ހިންގާ ސަން އޮންލައިނަކީ ރާއްޖޭގެ އެންމެ ދުވަސްވީ އޮންލައިން ނޫހެވެ. ޑރ. އަޝްރަފް ވިދާޅުވީ އޮންލައިންގެ އިތުރުން މީޑިއާގެ އެހެނިހެން ވަސީލަތްތައް ސަން މީޑިއާގެ ކުޑައިގެ ދަށުން ހިންގުން އެއީ އަމާޒެއް ކަމަށެވެ.
ސީއޯއޯ ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޑރ. އަޝްރަފް ވިދާޅުވީ އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނީ ސަން މީޑިއާ އާ ހަރުފަތަކަށް ގެންދިޔުމަށް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ސަން މީޑިއާ އަކީ ވަރަށް ތަޖުރިބާކާރު ނޫހެއް. ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ނޫސް. އެންމެ ބޮޑު އަރުޝީފެއް އޮތް އެއް ނޫސް. ކިޔުންތެރިންނާ ހަމައަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނަން. މިއަދު ސަން އޮންލައިންގައި މަސައްކަތް ކުރައްވަނީ ވަރަށް ހީވާގި ޒުވާން ޓީމެއް. އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ ޒުވާން ހީވާގި އަދި މުރާލި ޓީމާއެކު މަސައްކަތްކޮށް، ސަން މީޑިއާ ނޫސްވެރިކަމުގެ އާ ހަރުފަތަކަށް ގެންދިޔުމަށް. ވާދަވެރި މި ބާޒާރުގައި މިނިވަން ހަމަހަމަ ނޫސްވެރިކަމެއް ކުރެވިދާނެކަން ސާބިތުކޮށްދިނުން،" ޑރ. އަޝްރަފް ވިދާޅުވި އެވެ.
ވަކި ފަރާތަކަށް ބުރަނުވެ ތާޒާ ކަމާއެކު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޚަބަރާއި މައުލޫމާތު ސަން މީޑިއާގެ ސަން އޮންލައިން އިން ފޯރުކޮށްދެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު ކިޔުންތެރިންނަށް މުހިންމު ކޮންޓެންޓުތައް ގެނެސްދިނުމުގައި ސަން މީޑިއާގެ ދައުރު އިތުރަށް ފުޅާކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.