ޔޫރޯ 2020 ގެ ގަދަ 16 ގައި ރޭ ބެލްޖިއަމް ޓީމުގެ ދެބެން ކަމަށްވާ ތޯގަން ހަޒާޑާއި އެޑެން ހަޒާޑުގެ މޮޅު ކުޅުމާ އެކު ޗެމްޕިއަން ޕޯޗުގަލް ބަލިކޮށްފި އެވެ.

ސްޕެއިންގެ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ބެލްޖިއަމް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުއާޓާ ފައިނަލުގައި ބެލްޖިއަމް ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.

މުބާރާތުގައި ފެނުނު އެންމެ ވާދަވެރި މެޗުގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރި މި މެޗަކީ ވާދަވެރި މެޗެއްގައި 1989 ވަނަ އަހަރަށް ފަހު ބެލްޖިއަމުން ޕޯޗުގަލް ބަލިކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ބެލްޖިއަމް މޮޅުވީ ވޯލްޑް ކަޕް ކޮލިފައިން މެޗަކުންނެވެ. އެހެން ނަމަވެސް މީގެ ކުރިން އިންޓަނޭޝަނަލް މުބާރާތެއްގައި މި ދެ ޓީމު ވާދަ ކޮށްފައެއް ނުވެ އެވެ.

ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ހަވަނަ މިނެޓުގައި ޕޯޗުގަލުގެ ޑިއެގޯ ޖޮޓާއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 42 ވަނަ މިނިޓްގައި މި ގޯލު ޖެހީ ތޯގަން ހަޒާޑް އެވެ. އެޑެން ހަޒާޑްގެ ކޮއްކޮ ތޯގަން މި ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ވެސް ގިނަ ހަމަލާތަކެއް އުފައްދައި، މެޗުގެ ފޯރި ގަދަކޮށްލައިފަ އެވެ. އެހެން ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާއަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ. އެއާ އެކު އެ ޓީމުގެ މެދުތެރޭގައި ގިނަ މައްސަލަތަކެއް ފެންމަތިވި ނަމަވެސް ޕޯޗުގަލްއަށް އޭގެ ފައިދާ ނެގިފައެއް ނުވެ އެވެ.

ޔޫރޯ 2020 ގެ ގަދަ 16 ގައި މިރޭ ބައްދަލު ކުރާނީ ކްރޮއޭޝިއާ އަދި ސްޕެއިންގެ އިތުރުން ފްރާންސް އަދި ސްވިޒަލޭންޑް އެވެ.