ޔޫއެފާ ޔޫރޯ 2020 ގެ ދެވަނަ ބުރުގައި މިރޭ ވަރުގަދަ ނެދަލޭންޑްސް ބަލިކޮށް ޗެކް ރިޕަބްލިކުން ކުއާރޓާ ފައިނަލުގެ ތިންވަނަ ޖާގައެއް ހޯދައިފި އެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި މިރޭ ކުޅުނު މެޗުން ޗެކް ރިޕަބްލިކު ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ޗެކް ރިޕަބްލިކު ކުއާރޓާގެ ޖާގައެއް ކަށަވަރު ކުރި އިރު، މިއީ އެ ޓީމުން 2012 ވަނަ އަހަރަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅޭ ފުރަތަމަ ފަަހަރެވެ. އެންމެ ފަހުން 2016 ވަނަ އަހަރުގެ ޔޫރޯ އިން އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

މިއަދުގެ މޮޅާ އެކު ޗެކް ރިޕަބްލިކް ކުއާރޓާގައި ވާދަ ކުރަން ޖެހޭނީ ރޭ 0-4 ގެ ނަތީޖާއަކުން ވޭލްސް ބަލިކޮށް ކުއާރޓާގެ ފުރަތަމަ ޖާގަ ހޯދި ޑެންމާކާ އެވެ. އެ ދެ ޓީމުގެ އިތުރުން ކުއާރާޓގެ ޖާގައެއް ދެން ހޯދީ ރޭ އޮސްޓްރިއާ އަތުން މޮޅުވި އިޓަލީ އެވެ.

މިރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު، އޭރިއާބޭރުން ޗެކް ރިޕަބްލިކްގެ ޕެޓްރިކް ޝިކް ޖެހި ޝޮޓް ނެދަލެންޑްސްގެ ކީޕަރު މާޓިން ސްޓެކެލެންބާގް އަތަށް އަމާޒުވިއިރު، އޭރިއާތެރެއިން އެ ޓީމުގެ އޮންޓޮނިން ބަރަކް މުޅިން ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ ޑިފެންޑަރު ޑި ލިޓް ވަނީ ބްލޮކޮށްފަ އެވެ.

މުޅި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގެ ކުރީކޮޅު ނެދަލޭންޑުގެ ޑިފެންޑަރު ޑެލީޓަށް ދެއްކި ރަތްކާޑާ އެކު އެވެ. އެންމެ ފަހަތުގައި ހުރި ޑެ ލީޓް ކައްސާލައިގެން ވެއްޓުމުން ގަސްތުގައި އަތުން ޖެއްސުމުން ރެފްރީ ފުރަތަމަ ރީންދޫ ކާޑު ދެއްކި ނަމަވެސް ފަހުން ވީއޭއާރުގެ ލަފަޔާ އެކު ވަނީ ރަތްކާޑަކަށް ބަދަލު ކޮށްފަ އެވެ.

އެކަކު މަދުކޮށް ކުޅެމުން ދިޔަ ނެދަލޭންޑުގެ އަތުން ކޮންޓްރޯލް ގެއްލި ޗެލް ރިޕަބްލިކުން ހަމަލާތައް ގިނަ ކުރި އިރު، މެޗުގެ 68 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކަލާޝް ބޮލުން ޖައްސާލި ބޯޅަ ހޯދުމަށް ފަހު ހޮލެޝް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ފަހުން ވެސް ޗެކް ރިޕަބްލިކުން ހަމަލާތަކެއް އުފެއްދި އިރު، އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ޝިކް އެވެ. މިއީ އޭނާ މިފަހަރުގެ ޔޫރޯގައި ޖެހި ހަތަރުވަނަ ގޯލެވެ. ޝިކްއަށް ވުރެން އިތުރަށް މިފަހަރުގެ މުބާރާތުގައި ގޯލު ޖަހާފައިވަނީ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ފަސް ގޯލު މިހާތަނަށް ވަނީ ޖަހައިފަ އެވެ.

ޔޫރޯ މުބާރާތުގައި މިރޭ 12 ޖަހާއިރު ކުޅޭނީ ޕޯޗުގަލާއި ބެލްޖިއަމް އެވެ.