ކެންބެރާ (ފެބްރުއަރީ 15) : ސޫރިޔާއަށް ބޭރުގެ ބާރެއް ވަނުމާ ދެކޮޅުހަދާކަން އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ "އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން" އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން އެޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަކްމަލުއްދީން އިޙްސާން އޮގްލޯ ވިދާޅުވީ ސޫރިޔާ ގެ އިދިކޮޅު ފަރާތްތަކާ ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމަށް ސޫރިޔާ ސަރުކާރަށް މަޖްބޫރުކުރުމަށްޓަކައި ފިއްތުންތައް ކުރިމަތިކުރުމަށް އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ ތާއީދުކުރާކަމުގައެވެ. ނަމަވެސް އެއްވެސް ޙާލެއްގައި ސޫރިޔާއަށް ބޭރުގެ ބާރެއް ވަނުމާ އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާއިން ދެކޮޅުހަދާކަމަށާ މިކަމަށް ދެކޮޅު ހަދަންޖެހުނީ ބޭރުގެ ބާރުތައް ވަދެގެން ސޫރިޔާގެ މައްސަލަ އިތުރަށް ގޯސްވެ މީހުން މަރުވާމިންވަރު އިތުރުވެގެންދާނެތީ ކަމަށް އޮގްލޯ ވިދާޅުވިއެވެ.

އޮސްޓްރޭލިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ދެއްވި ބަޔާނެއްގައި އޮގްލޯ ވިދާޅުވީ ބޭރުގެ ބާރެއް ނުވަތަ ބާރުތަކެއް ވަދެގެން ލިބޭނެ ގެއްލުމާއި ހަލާކު، ޢިރާޤު، އަފްޣާނިސްތާން، ސޮމާލިޔާ، އަދި ލީބިޔާއިން ފެނިފައިވާ ކަމަށާއި އެފަދަ ޙާލަތެއް ސޫރިޔާގައި ތަކުރާރުވާން އިސްލާމީ ޤައުމުތައް ނޭދޭކަމުގައެވެ. ސޫރިޔާއަކީވެސް 57 ޤައުމު ހިމެނޭ "އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން" ގެ މެންބަރު ޤައުމެކެވެ. ސޫރިޔާ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ ބަޔަކު ގުޅިގެން ހިންގަމުން ގެންދާ ހަރަކާތްތައް މިހާރުވަނީ އަހްލީ ހަނގުރާމައަކަށް ބަދަލުވެފައެވެ.

ސޫރިޔާ ސިފައިން ހިންގަމުންގެންދާ މީހުން މެރުމާއި ލޭއޮހޮރުވުމުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ސޫރިޔާގެ ރަހްމަތްތެރިންގެ ނަމުގައި އުފެއްދި ޖަމާޢަތުގައި "އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން" ބައިވެރިވާކަމަށް އޮގްލޯ ވިދާޅުވިއެވެ. މިޖަމާއަތުގެ ބައްދަލުވުމެއް މިމަހުގެ 24 ވަނަ ދުވަހު ތޫނިސްގައި ބޭއްވުމަށް ވަނީ ހުޅަނގުގެ ޤައުމުތަކާއި ޢަރަބި ލީގުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ސޫރިޔާގެ ރަހްމަތްތެރިންގެ ނަމުގައި އުފެއްދި ޖަމާއަތުގައި ހިމެނެނީ އެމެރިކާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުގެ އިތުރުން ޢަރަބި އަދި އިސްލާމީ ބައެއް ޤައުމުތަކެވެ. (ރޮއިޓާސް)