ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުއްލާ ޔާމީން އަބްދުލް ގައްޔޫމަށް ސުޕުރީމް ކޯޓުން އިންސާފު ލިބި މިނިވަން ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ޑިފެންސް މިނިސަޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ ސަރުކާރުން ރައީސް ޔާމީންގެ ޝަރިއަތަށް ނުފޫޒު ފޯރުވަން ކިތަންމެ މަސައްކަތެއް ކުރިއަސް ސުޕުރިމް ކޯޓުން އެމަނިކުފާނަށް އިންސާފު ލިބޭނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

އާދަމް ޝަރީފް ވިދާޅުވީ ޔާމީނަށް ދަށުކޯޓުން ކުރި ހުކުމާއި އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރިކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަން މިހާރު ސުޕުރިމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ގަބޫލުފުޅު ކުރައްވާނެ ކަމަށެވެ.

"ސުޕުރިމް ކޯޓުގައި މިހާރު ތިއްބެވި ބޭފުޅުންވެސް ބުއްދީގެ ހަމަތަކުން ވިސްނައިފިއްޔާ މިހާތަނަށް ކްރިމިނަލް ކޯޓުން އެ ކުރި ހުކުމާ ހައިކޯޓުން އެ ހުކުމް ދެމެހެއްޓުމަކީ އަޅުގަނޑަށް ޔަގީން ސުޕުރީމް ކޯޓުން ގަބޫލު ކުރާނެ އެއީ ސައްހަ ނިންމުމެއް ނޫންކަމާ ސައްހަ ދެމެހެއްޓުމެއް ނޫން ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ސުޕުރީމް ކޯޓުން އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު ރައީސް ޔާމީން މިނިވަން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޖަލުގައި ހުންނަވައިގެން ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް ސިޓީއެއް މެދުވެރިކުރައްވާ ދެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ބޭއިންސާފުގެ ކުރިމަތިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫން ކަމަށެވެ.

ޖަލަށް ލާފައިވަނީ ޕީޕީއެމް އާ ޕީއެންސީގެ ފިކުރު ދެކެ ސަރުކާރު ބިރުގަނެ ޖެހިލުންވާތީ ކަމަށާއި އަމާން ދީފާނެ ކަމުގެ ފިނޑި ހިޔާލުގައި ކަމަށެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ވަގުތީގޮތުން ގޭ ބަންދަށް ބަދަލު ކޮށްފަ އެވެ.