27 Jun 2021, 18:04
ބޭންކް އޮފް މޯލްޑިވްސްއިން އިތުރު 12 ރަށަކަށް އެޖެންޓް ބޭންކިން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 62 އޭޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އަލަށް މި ހިދުމަތް ދޭން ފެށި ރަށްތަކަކީ ހއ. މާރަންދޫ، ހދ. ކުމުންދޫ، ހދ. ނެއްލައިދޫ، ހަދ. ފިނޭ، ށ. ނަރުދޫ، ށ. ފޭދޫ، ށ. މަރޮށި، ނ. ޅޮހި، ނ. މާޅެންދޫ، ރ. އިންނަމާދޫ، ބ. ފުޅަދޫ އަދި މ. ކޮޅުފުއްޓެވެ.
އެ ރަށްތަކަށް އޭޖެންޓް ބޭންކިން ހިދުމަތް ތައާރަފުކުރުމާއެކު ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާއާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށް އެއްވެސް ފީއަކާ ނުލައި ދުވާލަކު 2000 ރުފިޔާވެސް ނެގޭނެ އެވެ.
މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުގަ އެވެ.
މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ދިނުމަށް ތައާރަފްކުރި ހިދުމަތެކެވެ.
އެއްވެސް ފީއަކާ ނުލައި ބޭންކުން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތާއި 60އަށް ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިއުލާން ކުރެވިފައިވާ ފުރަބަންދުގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.