15 Feb 2012, 21:38
ގައުމީ އެއްބައިވަންތަކަން ގާއިމްކުރުމުގެ މަގުޗާޓެއް އެކުލަވާލައްވާފައިވާ ކަމަށާއި އެ މަގުޗާޓަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ވިދާޅުވީ މަގުޗާޓު ބިނާވެފައި ވަނީ ސަރުކާރު ހިންގުމަށް ގެންނަ ބަދަލުތަކާއި "ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން" އިސްކަންދޭ ކަންކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރަޓިކް ނިޒާމެއް ގާއިމުކޮށް ގާނޫނީ ކަންކަން ފުރިހަމަ ކުރުމާއި ސަރުކާރުން ދެމުންގެންދާ އާންމު ހިދުމަތްތައް އެއްވެސް ބުރުލެއްނައިސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ބެލުމަށް މިނިވަން މުސްތަގިއްލު ކޮމިޝަނެއް އެކުލަވާނެ ކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެ ކޮމިޝަންގެ ތަހުގީގުގެ ސަބަބުން އެފަދަ ކަންތައްތައް ކުރިއަށް އޮތް ތާންގައި ވެސް ތަކުރާރުވިޔަ ނުދިނުމަށް މަގުފަހި ކުރައްވާނެ ކަމަށެވެ. އަދި މަގުޗާޓުގައި އެކަން ހިމަނާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގެ)ގެ މަސައްކަތް ހަރުދަނާ ކުރުމަށް މަގުޗާޓުގައި ބާރުއަޅުއްވާނެ ކަމަށެވެ. އެގޮތުން އެ މަސައްކަތުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ގައުމީ މަޝްވަރާ މަޖިލީހެއް އެކުލަވައިލަން ގަސްތު ކުރައްވާ ކަމަށާއި އެކަމުގައި އދ. އާއި ކޮމަންވެލްތުގެ އެހީތެކަން ހޯދާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"ސަރުކާރުގެ މާލީ ކަންކަން ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުން. ހުރިހާ ކެނޑިޑޭޓުންނަށް ވެސް ހަމަހަމަ ގޮތެއްގައި ވާދަކުރެވޭނެ ފަދަ، ގިނަ ޕާޓީ އެކުލެވޭ މިނިވަން އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް ގާއިން ކުރެއްވުން. ދައުލަތުގެ މީޑީއާގައި ސިޔާސީ ހަމަމަކަން ގާއިން ކުރުން،" މަގުޗާޓުގައި އެކުލެވޭނެ ކަންތައްތައް ބަޔާން ކުރައްވަމުން ވަހީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާ އެކީގައި ކެބިނެޓަށް ބައެއް ބަދަލް ގެންނެސް، މަގާމު އިތުރުކުރަން ހުރިއްޔާ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރުން ބޭނުންވާ ކަންތައްތައް ކުރުމަށް ޓަކައި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އާ ސަރުކާރުގެ ކެބިނެޓްގައި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ބޭފުޅުން ހިމަނަން ބޭނުންވާ ކަމަށް ވިދާޅުވެ ރައީސް ވަހީދު ވިދާޅުވީ އެކަމުގެ ދައުވަތު އެ ޕާޓީ އަށް އަރުވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީގައި ވެސް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވަން ބޭނުންފުޅުވާ ބޭފުޅުން އެބަތިއްބެވި ކަމަށެވެ.
އާ ސަރުކާރުގެ ކެބިނެޓްގައި އެމްޑީޕީގެ ބޭފުޅުން ހިމަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އިރު، ސަރުކާރު ބަދަލުވި ފަހުން އެމްޑީޕީން ބާއްވަމުންދާ އެކި ރެލީތަކުގައި ބުނަމުންދަނީ މިސަރުކާރުގައި އެމްޑީޕީގެ އެއްބާރުލުން ނުދެއްވާނެ ކަމަށެވެ. އަދި މި ސަރުކާރަކީ "ބާޣީން"ގެ ސަރުކާރެއް ކަމަށާއި ސަރުކާރަށް އެމްޑީޕީގެ އެއްވެސް މީހަކު އެއްބާރުލުންދީފި ނަމަ އެ މީހަކު ޕާޓީން ވަކިކުރައްވާނެ ކަމުގެ އިންޒާރު އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވަނީ މިއަދު ދެއްވާފަ އެވެ.