27 Jun 2021, 17:14
މިމަހުގެ 24 ވަނަ ދުވަހު ރާއްޖޭގެ ދެކުނު ރަށެއްގައި އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަައިގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ޏ. އަދި ސ. އަތޮޅު ހިމެނޭ ގޮތަށް ދެކުނު ޕޮލިސް ޑިވިޝަނުން ތަހުގީގުކުރަމުންދާ އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
"އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 25 ވަނަ ދުވަހު. މިހާރު ހުރީ 24 ގަޑިއިރުގެ ބަންދު އަމުރެއްގެ ދަށުން ހައްޔަރުގައި. އަދި ކޯޓަށް ހާޒިރުކުރާނެ އިތުރަށް ގޮތެއް ނިންމަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވި ކުއްޖާއަށް އިތުރަށް ލިބިދާނެ ގެއްލުމަކަށްޓަކައި އަދި ކުދިންގެ ހައްގުތަކާއި، ކަރާމާތައް އުނިކަމެއް އައިސްދާނެތީ ފުލުހުން އެފަދަ މައްސަލަތަކުގެ މާ ބޮޑު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.