މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް އިތުރުރުވުމާއި ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން މުރާޖައާކުރަން މަޝްވަރާކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވި ގޮތުގައި އެ މިނިސްޓްރީއިން ދަނީ އަނެއްކާވެސް މިސްކިތްތައް ހުޅުވާލައި ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދޭން މަޝްވަރާ ކުރަމުންނެވެ.

"ހަމަ ވަރަށް ކައިރި މުސްތަގްބަލެއްގައި ޖަމާއަތުގައި ނަމާދުކުރަން ހުއްދަދޭން މަޝްވަރާ ކުރަމުންދަނީ. އާންމުންގެ ހުރި ކަންބޮޑުވުންތަކާއެކުގައި،" މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދޭނީ ކިހާ ދުވަހެއްތެރޭތޯ ސުވާލުކުރުމުން އަދި ސީދާ ބުނަން ދަތިކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މިދިޔަ އޭޕްރިލް އަދި މޭ މަހު މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމާއި ގުޅިގެން މޭ މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތައް ބަންދުކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް އޭގެ ފަހުން ބައެއް މިސްކިތްތަކުގައި ވަކި ވަކިން ނަމާދުކުރެވޭނެކަމަށް ނިންމައިފަ އެވެ.

މިހާރު ކޭސްތައް ކޮންމެވެސް ވަރަކަށް ދަށްވަން ފެށުމާއެކު ސަރުކާރުން ވަނީ ކޮވިޑުގެ ފިޔަވަޅުތަކަށްވެސް މަދުމަޑުން ލުއިދޭން ފަށާފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ކާފިއު ވަގުތު ކުރުކޮށް ބައެއް ވަގުތުތަކުގައި ކަސްރަތު ކުރަންވެސް ހުއްދަދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މާލޭގެ ބައެއް މިސްކިތްތައް ބަންދުކޮށްފައި ހުރި ދުވަސްވަރު މިސްކިތްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މައްސަލަތަކެއްވެސް ވަނީ މިފަހުން ފެންމަތިވެފަ އެވެ. މިކަމާއި ގުޅިގެން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިހާރު ކޮންމެވެސް ވަރަކަށް އެ މައްސަލަތައް ރިޕޯޓުވާ މިންވަރު މަދުވެފައިވާ ކަމަށެވެ. އަދި އެކަންތައް ހުއްޓުވުމަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވާނޭކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"އިސްލާމިކް މިނިސްޓަރު ފުލުހުންނާއިއެކުގައި ވަޑައިގެންވެސް ބައްލަވާލެއްވި. އެވަގުތުވެސް ތިބި މަސްތުގެ ހާލުގައި ތިބި ބައެއް މީހުން މިސްކިތްތެރޭގައި. މިހާރު ފުލުހުންވެސް ތިބޭނެ ބައެއް މިސްކިތްތައް ކައިރީގައި ސެކިއުރިޓި ބަލަހައްޓަން،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.