ނިޔުޔޯކް (މޭ 27) : މޫސުމަށް އަންނަ ބަދަލުތަކާއި ކާބޯތަކެތީގެ އަގު އުފުލުމާއި ހަނގުރާމަތަކާ އަދި ކޮވިޑް-19ގެ ސަބަބުން ދުނިޔޭގައި ކާބޯތަކެތި ނުލިބި ހައިހޫނުކަން ތަހަންމަލު ކުރަންޖެހިފައިވާ މީހުންގެ އަދަދު 41 މިލިޔަނަށް އަރާފައިވާ ކަމަށް އދ.ގެ "ވޯލްޑް ފުޑް ޕްރޮގްރާމް" އިން ބުނެފި އެވެ.

ދުނިޔޭގައި ދިރިއުޅޭ އެންމެ ފަގީރު އަދި އެންމެ ނިކަމެތި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދ.ގެ އިދާރާކަމަށްވާ "ވޯލްޑް ފުޑް ޕްރޮގްރާމް" އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަނޑު ފުރާނަ މުއްތި ކުރުމުގެ އަމިއްލަ ގާބިލްކަން ނެތް މީހުންގެ އަދަދު 2016 ވަނަ އަހަރުން ފެށިގެން އިތުރުވަމުންދާ ކަމަށާ މިހާރު އެމީހުންގެ އަދަދު 41 މިލިޔަނަށް އަރާކަމުގައެވެ.

"ވޯލްޑް ފުޑް ޕްރޮގްރާމް" ގެ ބަޔާނުގައިވާގޮތުން ހައިހޫނުކަން ތަހައްމަލު ކުރަންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ސަބަބުތަކުގެ ތެރޭގައި ދުނިޔޭގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ބޮޑުވުމާއި ހަނގުރާމަތަކުގެ ސަބަބުން އެތަށް މިލިޔަން ބަޔަކު ރެފިއުޖީންނަށްވެގެން ދިޔުން ހިމެނެއެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާއެކު އެއްބައި ސަރަހައްދުތަކަށް ހަނަފަސްކަން އައިސް ދަނޑުތައް ހަލާކުވާއިރު އަނެއްބައި ސަރަހައްދުތަކަށް ބޯކޮށްވާރޭވެހި ދަނޑުތައް ހަލާކުވަމުން ދިޔުމާއި ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ބޮޑު ހީނަރުކަމަކީވެސް މީގެ ސަބަބުތައްކަން އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"ވޯލްޑް ފުޑް ޕްރޮގްރާމް" ބުނާގޮތުން ހައިހޫނުކަން ތަހައްމަލްކުރާ 41 މިލިޔަން މީހުން ތިބީ 43 ގައުމެއްގައެވެ. މީގެތެރެއިންވެސް ހައިހޫނުކަން ތަހައްމަލުކުރާ މީހުން އެންމެ ގިނައީ ހަތަރު ގައުމެއްގައެވެ. އޭގެތެރެގައި ރިޕަބްލިކް އޮފް ދެކުނު ސޫދާނާއި އިތިއޮޕިއާ ހިމެނެއެވެ. މި 41 މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މިއަހަރު ތެރޭގައި މަދުވެގެން 6 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަންވެސް "ވޯލްޑް ފުޑް ޕްރޮގްރާމް" ގެ ބަޔާން ބުނެއެވެ.

"ވޯލްޑް ފުޑް ޕްރޮގްރާމް" ގެ ރިޕޯޓް ބުނާގޮތުން ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ކާބޯތަކެތީގެ އަގު ނުއުފުލޭ މިންވަރަށް މިދިޔަ އަހަރު ދުނިޔޭގެ ބަޒާރުތަކުގައިވަނީ ކާބޯތަކެތީގެ އަގު އުފުލިފައެވެ. މިގޮތުން ގޮދަނާއި ކިރުގެ ބާވަތްތަކާއި އެއްގަމު މަހާއި ހަކުރާއި ހަނޑުލާ އަދި ޒުވާރީގެ އަގުތައްވަނީ 40 އިންސައްތަ އިތުރުވެފައެވެ.

ކާބޯތަކެތީގެ ދަތިކަން ތަހައްމަލްކުރާ މީހުން ތިބި ގައުމުތަކުގެ ލިސްޓަށް ކުރިން މެދުމިނުގެ އިގްތިސާދެއް އޮތް އަރަބި ގައުމެއްކަމަށްވާ ލުބްނާންވެސް މިދިޔަ އަހަރުވަނީ އަރާފައެވެ. ކާބޯތަކެތީގެ ދަތިކަން އެންމެ ބޮޑަށް ފޯރާފައިވާ ގައުމުތަކުގެ ތެރޭގައި އިތިއޮޕިޔާ، މަޑަގަސްކަރަ، ޒިންބާބުވޭ، މާލީ، މޮޒަންބީކް، މަލާވީ، ނައިޖަރު، ދެކުނު ސޫދާން، ޔަމަން، ސޮމާލިޔާ، އަދި ނައިޖީރިއާގެ ބައެއް ސްޓޭޓްތައް ހިމެނެއެވެ.