ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފަހަތުފަޔަށް ބުރަނުވެ، ރާއްޖެ މިހާރު އޮތް ހާލަތުން ސަލާމަތް ކުރުމަށްޓަކައި ކުރިއަށް ނުކުންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ޖަރުމަނު ވިލާތުގައި ހުންނަވައިގެން ކްލަބް ހައުސް މެދުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ މިހާލަތުގައި ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި އެއްފަހަރާ ގިނަ ބަޔަކު ހިފައި ހައްޔަރުކުރަންވެސް މިއަދު ޖެހިފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ވަރަށް ސާފު ކޮށްދޭން އަޅުގަނޑު ބޭނުން އަވަހަށް ފަހަތު ފަޔަށްބުރަވެ ނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހި ރާއްޖެ ސަލާމަތް ކުރަން މަނިކުފާނު މިހާރު ނުކުންނަވަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ.

އެގޮތުން އެއްފަހަރާ ގިނަ ބަޔަކު ހިފާ ހައްޔަރު ކޮށްގެން ނަމަވެސް ރާއްޖެއަށް ދިމާވާން މިއުޅޭ ކަންކަމުން އަރައިގަންން އެބަ ޖެހޭ ކަމަށް ވިދާޅުވި އެވެ.

މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތުވެސް ބޭނުން ވާނެ ކަމަށާއި ނަމަވެސް ދިރިހުރުމުގެ ހައްގާއި ސަލާމަތްތެރި ކަމަކީ އެންމެ ބޮޑު ހައްގު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ސަލާމަތްތެރިކަން އެއީ އެންމެ ބޮޑު ހައްގު. އަޅުގަނޑު ދެން އަބަދުވެސް ވަކާލާތު ކުރަން ޖެހިފައި މިއޮތީ އެ ހައްގު، އެކަން ފުރިހަމަ ކުރުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނުރައްކާތެރި ބަޔަކު ހިފައި ހައްޔަރު ކުރަން ވަކާލާތު ކުރަން ޖެހިދާނެ ކަމަށް ދުވަހަކުވެސް އުއްމީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބަޔަކު ރާވައިގެން ދިން ނުރައްކާތެރި ޓެރެރިސްޓު ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާ ތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މިހާރު ވަޑައިގެން ހުންނެވީ ޖަރުމަނު ވިލާތުގައެވެ.

ފަރުވާއަށްފަހު އަންނަ ޖުލައި މަސް ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމުގައި އެމްޑީޕީން ވަނީ ބުނެފަ އެވެ.