ރާއްޖޭގައި ޖާނުން ފިދާ ވެގެން ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުލަބު ހައުސްގެ އެމްޑީޕީ ހަރުގެ އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި އެކި ބާވަތްތަކުގެ ގޮވާ ތަކެއްޗާއި އަދި މީހުންގެ ފުރާނައަށް ގެންލުންދޭ ކަންކަން ކުރަމުން އައިސް މިހާރު އެކަން އޮތީ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ވަރަށް ބޮޑަށް ކުރިއަރައިގެންގޮފައި ކަމަށެވެ.

ނަޝީދު ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ކުރިހޯދައިގެން ތިބި ބަޔަކު މިކަމުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފިކުރީ ހަނގުރާމައަކަށް މިކަން ހެދުމުގެ އިތުރުން ވަކި ފިކުރަކަށްވެސް ހަދާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހިތަށް ވެރިވަނީ ވަރަށް އަނދިރި މަންޒަރެއް ކަމަށެވެ.

"އަޅުގަނޑުގެ ހިތަށް އަންނަނީ ވަރަށް އަނދިރި މަންޒަރެއް. އެއީ ޖާނުން ފިދާ ވުމުގެ ހަމަލާ އަޅުގަނޑުމެންގެ ތެރެއަށް އަންނަން ފެށުން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެފަދަ ނުރައްކާތެރި ރޭވުންތައް ރާވާ މީހުންނާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނައި ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކޮށްގެން ނަމަވެސް ރާއްޖެއަށް މިހާރު ދިމާވާން މިއުޅޭ ކަންކަމުން އަރައިގަންނަން އެބަ ޖެހޭ ކަމަށެވެ.

ޖާނުން ފިދާ ވުމުގެ ހަމަލާއެއް ދިނުމުގެ ކުރިން އެފަދަ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޓެރެރިޒަމްގެ އަމަލުތަކާއި އޭގެ ފިކުރުގައި އުޅޭ ކަމަށް ފެންނަ މީހުންގެ ތެރެއިން އެތައް ބަޔަކަށް ވަރަށް ފަސޭހައިން މައާފު ލިބި ދޫވެގެން އެބައުޅޭ ކަމަށެވެ.

އެމަނިކުފާނު ވަނީ ފަނޑިޔާރުންނަށް ވެސް މެސެޖެއް ދެއްވާފަ އެވެ. ވިދާޅުވީ ރާއްޖެއަށް ދިމާވެގެން އުޅެނީ ކުޑަ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެފަދަ ނުރައްކާތެރި މީހުން އެހާ ފަސޭހައިން މިނިވަން ވެވިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ފަނޑިޔާރުންނަށް ވަރަށް ބޮޑު މެސެޖެއް އެބަ ލިބެން ޖެހޭ. 15 ދުވަސް 10 ދުވަސް ފަސް ދުވަސް ޖަހާފަ ދޫވެގެން މަގުމަތީގަ ތިބެވޭނެ ގޮތް ހައްދަވައިގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.

ފާއިތުވި މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ އެމަނިކުފާނަށް ފަރުވާ ދެއްވީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

އެ ހޮސްޕިޓަލުން 16 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ޖަރުމަންވިލާތަށް ވަޑައިގެންފަ އެވެ.

އެގައުމުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ މިލިޓަރީ ހޮސްޕިޓަލެއްގަ އެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ބޮން ގޮއްވާލި މީހާ ވެސް ހިމެނެ އެވެ.