15 Feb 2012, 18:03
ރާއްޖޭގައި ޕަބްލިކް ސާވިސް ބްރޯޑްކާސިޓިން އަކަށް ޖާގަ ހޯދުމަށް، ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސިޓިން ކޯޕަރޭޝަނާ ]އެމްބީސީ[ ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑު ހިންގަން ހަވާލުކުރުމަށް އާ ސަރުކާރުން ނިންމި މަރުހަބާ ކިޔައި އެ ދެ ތަނަށް މިނިވަން އެޑިޓޯރިއަލް ބޯޑެއް ކަނޑައެޅުމަށް ނިންމުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
ކޮމާޝަލް ޓީވީތަކާއި ރޭޑިއޯތަކާއި އަދި ނޫސްތަކަށް ވުރެ ބޮޑަށް، ދެފުށް ފެންނަ އަދި ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް ހަބަރުތަކާއި ރިޕޯޓްތަކާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު، ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން ބޮލުގައި އެޅިފައިވާ މިންވަރު ބޮޑުކަން ގަބޫލުކޮށް، އެ ދެ މުއައްސަސާގެ އެޑިޓޯރިއަލް ކަންކަން ބެލުމަށް، މިނިވަން އަދި ޕްރޮފެޝަނަލް އެޑިޓޯރިއަލް ބޯޑެއް އޮންނަން ޖެހޭ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ، އެ ކޯޕަރޭޝަނުން އެ ދެ މުއައްސަސާއާ ހިންގަން ހަވާލުވެ ފެއްޓި މަސައްކަތުގައި ގާނޫނީ އިމުގެ ތެރޭގައި މަސައްކަތްކޮށް، ހަމަހަމަ ކަމާއި އިންސާފުގެ މަތީގައި އަދި ކުލައަކަށް ބެލުމެއް ނެތި، ގައުމީ މަސްލަހަތު އިސްކުރާނެ ކަމަށެވެ؛ އަދި ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިންގާ ދެ މުއައްސަސާއެއް ކަން ދެނެތިބެ، ގައުމުގައި ވީދިފައިފާ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށް އެޑިޓޯރިއަލް ކޮންޓެންޓުގައި ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ...." އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެފަދަ އެޑިޓޯރިއަލް ބޯޑެއްގައި ސިޔާސީ ކުލަތަކަށް ބަރޯސާވާ މީހުން ވީވަރަކުން މަދުކޮށް، މިނިވަން ބަޔަކު ކަނޑައެޅުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ގޮވާލައިފަ އެވެ.
އެމްޖޭއޭ އިން ބުނީ ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑުގެ ހިދުމަތް ދެމުންދާ ގޮތް އެ ސޯސިއޭޝަނުން ފާރަވެރިކަމާ އެކު ބަލާނެ ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުގެ ގާނޫނުގައިވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި އިސްލާމްދީނާއި ދިވެހި ރާއްޖޭގެ ސަގާފަތާއި ބަސްކުރިއެރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކޮށް، ސަރުކާރުގެ ވިޔަސް އަދި ޕާޓީއެއް ވިޔަސް، އެއިން ފަރާތެއްގެ ނުފޫޒުން އެއްކިބާވެފައިވާ އިންސިޓިއުޝަނަކަށް ހެދުމަށް އެމްޖޭއޭ އިން ވަނީ ގޮވާލައިފަ އެވެ. އަދި އެ ދެ ތަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ދެ ތަން ކަން ރައްތިތުންނަށް ކަށަވަރުކޮށްދިނުމަކީ ވެސް އެމްބީސީގެ މަސްއޫލިއްޔަތެއްކަމަށް އެމްޖޭއޭ އިން ބުނެ އެވެ.