13 Jul 2010, 10:20
14:30
ވެރިކަމުގެ ފަސް އަހަރު ނިމުމުގެކުރިން ސަރުކާރު ވައްޓައި ނުލެވޭނެކަމަށާއި، ކޮމާންޑާ އިންޗީފް އަދި ރައީސުލް ޖުމްހުރިޔާ މުހައްމަދު ނަޝީދުގެ އޯޑަރަށް ހަރަކާތެރިވުމަށް ގައުމީ ދިފާއީބާރު އޮތީ ތައްޔާރައްކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފް އިދިކޮޅު ފަރާތް ތަކަށް އިންޒާރު ދެއްވައިފި އެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އަފީފް ވިދަޅުވީ ސަރުކާރު ވައްޓައިލުމަށްޓަކައި، ދާންޖެހޭނީ ރައްޔިތުންގެ އަރިހަށް ކަމަށެވެ. އަދި ސަރުކާރު ވައްޓައިލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް އިންޒާރުދިން ނަމަވެސް ވެއްޓިގެންދާނީ އެމީހުން ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.
އަފީފު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި، ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުން، މަޖިލިސް ބޭނުންކޮށްގެން ސަރުކާރުގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެމް.ބީ.ސީ އަކީ ސަރުކާރުގެ އަޑު ކަނޑުވާލުމަށް ގާނޫނަކުން މަޖިލީހުން އުފައްދަވާފައި ވާ ކުންފުންޏެއް ކަމަށް ވެސް އަފީފު ވިދާޅުވި އެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން، އުފެއްދި ނަމަވެސް މިސަރުކާރުން އުފައްދާފައިވާ، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް އެއްވެސް ބަދަލެއްނާންނާނެ ކަމަށާއި، ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑަކީ އެމް.އެން.ބީ.ސީ ގެ މިލްކިއްޔާތެއް ކަމަށް ވެސް އަފީފު ތަކުރާރު ކުރެއްވި އެވެ. އަދި އެމް.އެން.ބީ.ސީ،ގެ ބޯޑު އެބޭފުޅުން ބޭނުން ދުވަހެއްވަންދެން އޮންނާނެ ކަމަށާއި، އެ ބޯޑުން ނިންމަވާގޮތަކަށް ނުނީ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.