26 Jun 2021, 19:26
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓު ލިބުނު ފަރާތްތަކަށް ފްލެޓު ދައްކާލައިފި އެވެ.
އެޗްޑީސީއިން ބުނީ ފްލެޓު ލިބުނު ފަރާތްތަކަށް ފްލެޓު ދައްކާލުން ކުރިއަށްގެންދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ކަމަށެވެ.
ފްލެޓުތައް ދައްކާލާނީ ކެޓަގަރީތައް ވަކިވަކިން، އެކި ދަންފަޅިތަކަށް ބަހާލައިގެންނެވެ.
މިއަދު ފްލެޓު ދައްކާލާފައިވަނީ އެޗް13 އަދި އެޗް14ގެ ޓަވަރުތަކުން ފްލެޓު ލިބުނު ފަރާތްތަކަށެވެ.

ޖޫން 26، 2021: ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، ފްލެޓްތައް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުރިއަށް އޮތް ދުވަސްތަކުގައި ފްލެޓު ދައްކާލަން ކަނޑައަޅާފައިވާ ގޮތަކީ؛
ޖޫން 27: އެޗް9، އެޗް10
- ޖޫން 28: އެޗް15، އެޗް16
- ޖޫން 29: އެޗް3، އެޗް4
- ޖޫން 30: އެޗް11، އެޗް12
- ޖުލައި 1: އެޗް1، އެޗް2
- ޖުލައި 3: އެޗް7، އެޗް8
- ޖުލައި 4: އެޗް5، އެޗް6
އެ ދުވަސްތަކުގައި ފްލެޓު ދެއްކުން ކުރިއަށްގެންދާނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެން، ކޮންމެ ދަންފަޅިއެއްގައި ވަކި ފަންގިފިލާތަކެއް ބެލޭ ގޮތަށެވެ. އެއީ؛
8:00 - 10:30އަށް: 1-7 ވަނަ ފަންގިފިލާ
- 10:30 - 13:00އަށް: 8-14 ވަނަ ފަންގިފިލާ
- 13:00 - 14:30އަށް: 15-19 ވަނަ ފަންގިފިލާ
- 14:30 - 16:00އަށްޅ 20-24 ވަނަ ފަންގިފިލާ
ކޮންމެ ފްލެޓަކުންވެސް ފްލެޓު ބަލަން ފުރުސަތު ދެނީ ގިނަވެގެން ދެ މީހުންނަށެވެ. އަދި ފްލެޓު ބަލަން އަންނަ ދެ ފަރާތުގެ އައިޑީކާޑުގެ އަސްލު ވެސް ގެންދަން ޖެހޭނެ އެވެ.

ޖޫން 26، 2021: ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، ފްލެޓްތައް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފްލެޓުގެ ވެރިފަރާތަކަށް ފްލެޓު ބަލަން ހާޒިރުނުވެވޭނަމަ، ބަދަލުގައި ހާޒިރުވާ ފަރާތުން ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ފޮޓޯއެއް ގެންދަން ޖެހޭނެ އެވެ.
ފްލެޓު ބަލަން ހާޒިރުވާ ފަރާތްތަކުން ހާޒިރީއެއްގައި ސޮއިކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އެހެންކަމުން ފްލެޓު ބަލަންދާއިރު، އަމިއްލައަށް ގަލަން ގެންދިއުމަށް އެޗްޑީސީއިން ވަނީ އެދިފަ އެވެ.
ފްލެޓު ބެލުމުގެ ފުރުސަތު ހުޅުވާލީ ފްލެޓު ލިބުނު ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ލިބުނު ފްލެޓުތައް ބަލައި، ފްލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތުގެ އަންދާޒާއެއް ހެދުމާއި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ފްލެޓުގެ މިންތައް ނެގުމުގެ ފުރުސަތު ދިނުމަށެވެ.
ފްލެޓު ދައްކާލުމަށްޓަކައި އެކަމަށް ހާއްސަކޮށްގެން އެޗްޑީސީއިން ނަގާފައިވަނީ އިންޓާން މުވައްޒަފުން ކަމަށް ވުމުން، ފްލެޓު ބަލަން އަންނަ ފަރާތްތަކުން ކުރާ ސުވާލުތަކަށް އެ މުވައްޒަފުންނަށް ޖަވާބުދާރީ ނުވެވިދާނެ ކަމަށާއި އެހެން ނަމަވެސް އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.
މި ފުރުސަތުގައި ފްލެޓު ބަލަން ހާޒިރު ނުވެވޭ ފަރާތްތަކަށް ފްލެޓު ދައްކަން ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓު ހަވާލުކުރާ ދުވަހުގަ އެވެ.