26 Jun 2021, 16:32
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ "އެމްޑީޕީ" އަކީ ދިވެހިންނަށް ސިޔާސީ، އިޖްތިމާއީ އިގްތިސާދީ އަދި ފަރުދީ މިނިވަން ކަމާއި އިންސާނީ ހައްގުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެއް ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔުމަށް އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރަން ޖެހިފައިވަނީ ޕާޓީގެ މެމްބަރުންނަށާއި ޕާޓީއަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް ނުހަނު ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ޖެހިފައިވަނީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ، ޒަހަމް ކޮށްލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
މި ހަމަލާއަކީ ޕާޓީގެ ނުގުޑާ ފަދަ އަޒުމަށާއި ހިތްވަރު ބަލިކަށި ކޮށްލުމަށް ބަޔަކު ރާވައިގެން ދިން ހަމަލާއެއްގެ ގޮތުގައިވެސް ބަޔާނުގައި ސިފަ ކޮށްފައިވެއެވެ.
"މި ޓެރެރިސްޓް ހަމަލާއަކީ ނަޝީދު އަވަހާރަ ކޮށްލުމަށދިން ހަމަލާއެއްގެ އިތުރުން ޕާޓީގެ ފިކުރަށާއި ޕާޓީ ބިނާވެފައިވާ އަސްލު ތަކަށާއި ޕާޓީގެ ނުގުޑާ ފަދަ އަޒުމަށާއި ހިތްވަރަށް ދިން ހަމަލާއެއް." ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕާޓީގެ އަޒުމާއި ހިތްވަރާއި ސާބިތުކަމަށް ގުޑުން ގެނައުމަށް ރައީސް ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާއަށްފަހުވެސް އެމަނިކުފާނާއި ޕާޓީ އަބަދުވެސް ދެމި އޮންނާނީ ޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ރާއްޖޭގައި ރެޖިސްޓްރީކުރީ މީގެ 16 އަހަރު ކުރިން, 2005 ޖޫން 26 ގައެވެ.
އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި ޕާޓީގެ މެމްބަރުންނަށާއި ޕާޓީއަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް ފޮނުވާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.