ފުލުހުން ހިންގަމުންދާ ތަހްގީގަށް ގޭގެ ބަންދުގައި ހުރި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ]މޯޑް[ ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މުހައްމަދު ރަޝީދު ގޭގެ ބަދުގައި ބެހެއްޓުމަށް ފަހު ރޭ ދޫ ކޯށްލާފައިވާ ކަމަށެވެ.

މުޙައްމަދު ރަޝީދު ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހާއި އެރޭ އައްޑޫ ސިޓީގެ ބައެއް ތަންތަނަށް ގެއްލުންދިން މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގަ އެވެ.

މުހައްމަދު ރަޝީދު ހައްޔަރުކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވަނީ މަޖިލީސް ދޮށުގައި މުޒާހަރާ ކޮށްފަ އެވެ.