ވޮޝިންޓަން (ޖޫން 26): އެމެރިކާގެ މިނިސޯޓާގައި މިދިޔަ އަހަރު ޖޯޖް ފްލޯއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރުވި ހާދިސާއާ ގުޅިގެން، އޭނާ ހައްޔަރު ކުރުމުގައި ބައިވެރިވި ފުލުސް އޮފިސަރު ޑެރެކް ޝޮވިން 22 އަހަރާއި ހަ މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

މިދިޔަ އޭޕްރިލް މަހު ޝޮވިންގެ މައްޗަށް ވަނީ ގަސްތަކާ ނުލައި މީހަކު މެރުމުގެ ތިން ދައުވާއެއް ސާބިތުވެފަ އެވެ. އަދި އޭނާގެ މައްޗަށް 22 އަހަރާއި ހަ މަހުގެ ހުކުމެއް ކުރަން ނިންމި ސަަބަބުތަކުގެ ތެރޭގައި ޝޮވިން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ފްލޯއިޑާ މެދު އަމަލު ކުރި އަނިޔާވެރި ގޮތާއި އިތުރު ތިން ފުލުހަކާ ގުޅިގެން ކުށް ކުރުމާއި ކުޑަކުދިންނަށް ފެންނަ ހިސާބުގައި ކުށްކުރުން ހިމެނޭ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި އެވެ.

އެ އަޑުއެހުމުގައި ފްލޯއިޑްގެ އާއިލާއަށް ޝޮވިން ތައުޒިޔާ ކިޔާފައިވީ ނަމަވެސް މާފަށް އެދިފައި ނުވެ އެވެ. އަދި ފްލޯއިޑްގެ އާއިލާއިން ވަނީ އޭނާގެ މައްޗަށް ކުރި ހުކުމަށް މަރުހަބާ ކިޔާފަ އެވެ. އެގޮތުން އެ ހުކުމުން ދޭހަވަނީ އެމެރިކާގައި ފުލުހުންގެ އަނިޔާވެރިކަން މިހާރު ސީރިއަސްކޮށް ބަލާކަން ކަމަށް ފްލޯއިޑްގެ ކޮއްކޮ ބްރިޖިޓް ބުންޏެވެ.

މިދިޔަ އަހަރުގެ މެއި 25ގައި ފުލުހުން، ފްލޯއިޑް ހައްޔަރު ކުރަން އުޅުނީ އޭނާ ސައްހަ ނޫން 20 ޑޮލަރު ގެންގުޅުނު ކަމަށް ބުނެ މީހަކު ކުރި ޝަކުވާ އަކާ ގުޅިގެންނެވެ. އަދި އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ޝޮވިން، ފްލޯއިޑްގެ ކަރުގައި ކަކޫ ވިއްދައިގެން ނުވަ މިނިޓަށް ވުރެ ގިނަ އިރު ވަންދެން ހުއްޓެވެ. އޭގެ ސަބަބުން ފްލޯއިޑަށް ނޭވާ ނުލެވޭ ކަމަށް އޭނާ 20 އަށް ވުރެ ގިނަ ފަހަރު ބުންޏެވެ.

އޭގެ ފަހުން ފްލޯއިޑްގެ ހަރަކާތްތައް ހުއްޓި، އެމްބިއުލާންސް ގެންދިޔަ އިރު އޭނާ މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ކަޅު ނަސްލުގެ މީހެއް ކަމަށްވާ ފްލޯއިޑްގެ ކަރަށް، ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޝޮވިން ކަކޫ އަރުވައިގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އޭގެ ފަހުން އާއްމުވި އެވެ. އަދި ނަސްލީ އިމްތިޔާޒުތަކާއި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތައް ކުރިއަށް ގެންދިޔަ އެވެ.