25 Jun 2021, 23:05
ގދ. ތިނަދޫގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައި ހުރި ފިޔަވަޅުތަކުން ކޭސްތަކުގެ އަދަދު ދަށްނުވުމުގެ ސަބަބުން އެރަށުގައި ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، ހައުސްހޯލްޑް ޕާމިޓްގެ ދަށުން ކޮންމެ ގޭބީސީއަކުންވެސް އެކަކު، ހަފްތައަކު އެއް ދުވަހު އެއްގަޑިއިރަށް ބޭރަށް ދިޔުމަށް ހުއްދަދިނުމަށް އެރަށު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އީއޯސީ) އިން ނިންމައިފި އެވެ.
ހުވަދު އަތޮޅުގެ އެންމެ އާބާދީ ބޮޑު އަދި ވެރިކަން ކުރާ ރަށް ތިނަދޫގައި މިވަގުތު ޖުމްލަ 264 އެކްޓިވް ކޮވިޑް ކޭސް ހުރިއިރު ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ މިހާރު ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެރަށުގައި އަޅާފައި ހުރި ފިޔަވަޅުތަކާއެކުވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ނުވާކަމަށެވެ. އަދި މީހުން ރަށު ތެރޭގައި އުޅޭ މިންވަރުވެސް މަދު ނުވާކަމަށް ބުނެފަ ވަނީ އެވެ.
މިއާއެކު ރަށުގައި އޮތް ކޮވިޑުގެ ހާލަތު ކޮންޓްރޯލުކުރުމަށްޓަކައި، އިއްޔެ ބޭއްވި ތިނަަދޫގެ އީއޯސީގެ ބައްދަލުވުމެއްގައި ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ނިންމާފައިވާކަމަށް ކައުންސިލުން ނެރުނު އިއުލާނުގައި ވެ އެވެ.
އެގޮތުން ތިނަދޫގައި އާންމުން ބޭރަށް ނިކުމެ އުޅޭ ވަގުތު މަދު ކުރުމަށްޓަކައި މިހާރު އެރަށުގެ ކޮންމެ ގެޔަކަށް ދޫކޮށްފައިވާ ހައުސްހޯލްޑް ދެ ޕާމިޓް ބޭނުންކޮށްގެން ކޮންމެ ގެޔަށްކުންވެސް ބޭރަށް ދެވޭނީ ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށް އެންމެ މީހަކަށްކަމަށް އީއޯސީއިން ނިންމާފައިވާކަމަށް ކައުންސިލް އިން ނެރުނު އިއުލާންގައި ވެ އެވެ. އަދި އެ ހައުސްހޯލްޑް ޕާމިޓްގެ ދަށުން މީހުން ގެއިން ބޭރަށް ނިކުތުމަށް ވަގުތު ކަނޑައަޅާނީ ތިނަދޫގެ ޕޮލިސް ސްޓޭޝަންއިން ކަމަށް އެ އިއުލާންގައި ވެ އެވެ.
"މިހާރު ގޭގެޔަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާމިޓް ބޭނުންކޮށްގެން ނުކުމެވޭނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަނޑައަޅުއްވާ ވަގުތުތަކަކަށް ކޮންމެ ގޭބީސީއަކުން އެކަކަށް، ހަފްތާއަކު 01 ދުވަހު 1 (އެކެއް) ގަޑިއިރަށް." ތިނަދޫ ކައުންސިލް އިން ނެރުނު އިއުލާނުގައި ވެ އެވެ.
އިތުރު އެހެން މުހިންމު އަދި ޒަރޫރީ ކަންކަމަށް ފުލުހުންގެ ޓައިމް ބައުންޑް ޕާމިޓް އަދިވެސް ދޫކުރާނެކަމަށް ތިނަދޫ ކައުންސިލްގެ އިއުލާންގައި ވެ އެވެ.
ތިނަދޫގައިވެސް މާލެއެކޭ އެއްފަދައިން ހުއްދަ ނަގައިގެން ނޫނީ ގެއިން ބޭރަށް ނުދެވޭއިރު ތިނަދޫ އީއޯސީއިން ވަނީ އެރަށުގެ ކޮންމެ ގެޔަކަށްވެސް ހައުސްހޯލްޑް ދެ ޕާމިޓް ދޫކޮށްފަ އެވެ. ތިނަދޫ ކައުންސިލުން ވަނީ އެރަށުގައި އޮތް ކޮވިޑުގެ ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތު ކޮންޓްރޯލްކުރުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ފިޔަވަޅުތަކަށް ބޯލަނބައި ކިޔަމަންތެރިވުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.
ތިނަދުއިން މިއަދު އެކަނިވެސް 17 މީހަކު ވަނީ އަލަށް ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެރަށުގެ ކޮވިޑް ފެސިލިޓީގައި މިވަގުތު ހަ މީހަކަށް ފަރުވާދެމުންދާއިރު ޖުމްލަ 579 ކޭސް އެ ރަށުން ވަނީ މިހާތަނަށް ފެނިފަ އެވެ. 264 އެކްޓިވް ކޭސްއާއެކު މާލެއަށް ފަހު މިވަގުތު ކޮވިޑް-19 ކޭސްތައް އެންމެ ގިނަ އަދަދަކަށް ހުރި އެއް ރަށަކީވެސް ތިނަދު އެވެ.