15 Feb 2012, 16:55
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައިއިދާރާ "ފީފާ" އިން މިއަދު އިއުލާން ކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން"ގައި ރާއްޖެ ދެ ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިވަގުތު އޮތީ 175 ވަނައިގަ އެވެ. އަދި ރާއްޖެއަށް ވުރެ ކުރީގައި 174 ވަނަގައި އޮތް މިޔަންމާވެސް ދެ ދަރަޖަ ފަހަތަށް މިމަހު ވެއްޓުނުއިރު، ރާއްޖެއާ ޖެހިގެން ފަހަތުގައި 176 ވަނަ ލިބިފައި އޮތް ޑޮމެނިކާވެސް ވަނީ ފަސް ދަރަޖަ ފަހަތަށް ވެއްޓިފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓުނު އިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ރޭންކިންގައި ރާއްޖެ އޮތީ 162 ވަނައިގަ އެވެ.
ރޭކިންގެ ލިސްޓުން މަހަކަށް ފަހު މަހެއް، އަހަރަކަށް ފަހު އަހަރެއް ރާއްޖެ ފަހަތަށް ވެއްޓެމުން އަންނައިރު މިފަހަރު އިއުލާން ކުރި ރޭންކިން އަށް ބަލާއިރު ދެކުނު އޭޝިއާ ސަރަހައްދުގައި ރާއްޖެ ލައްވާލީ ހަތަރު ވަނައިގައެވެ.
ސަރަހައްދުގެ އެއްވަނަ މިފަހަރު ލިބުނީ އެއް ދަރަޖާގެ ކުރިއެރުމަކާއެކު ނޭޕާލަށެވެ. އެގައުމަށް ދުނިޔޭގެ ރޭކިންގައި 152 ވަނަ ލިބުނު އިރު، ސަރަހައްދުގެ ދެ ވަނަ ލިބުނީ ހަތަރު ދަރަޖާގެ ކުރިއެރުމަކާއެކު އަވައްޓެރި އިންޑިޔާ އަށެވެ. އިންޑިޔާ އޮތީ ދުނިޔޭގެ ރޭކިންގައި 154 ވަނައިގަ އެވެ. އަދި ދުނިޔޭގެ ރޭކިންގައި 157 ވަނަ ލިބުނު ބަގްލަދޭޝްއަށް ސަރަހައްދުގެ ތިން ވަނަ ލިބުނު އިރު، އެގައުމު ވަނީ އެއް ދަރަޖާގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ސަރަހައްދުގެ ފަސްވަނަ ވަނަ މިފަހަރު ލިބުނީ ދުނިޔޭގެ ރޭންކިންގައި 178 ވަނަ ލިބުނު އަފްގާނިސްތާނަށެވެ. އަދި ސަރަހައްދުގެ ހަ ވަނަ ޕާކިސްތާނަށް ލިބުނުއިރު، ދުނިޔޭގެ ރޭންކިންގައި ޕާކިސްތާން އޮތީ 181 ވަނައިގައެވެ.
ދުނިޔޭގެ ރޭންކިންގައި ސްރީލަންކާއަށް 182 ވަނަ ލިބުނުއިރު، ސަރަހައްދުން ސްރީލަންކާއަށް މިފަހަރު ލިބުނީ ހަތް ވަނަ އެވެ. އަދި މިފަހަރުވެސް ސަރަހައްދުގެ ފުލުގައި އޮތީ 201 ވަނައިގައި އޮތް ބޫޓާނެ އެވެ. އެކަމަކު ބޫޓާން ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ދުނިޔޭގެ ރޭންކިން ލިސްޓުގެ އެންމެ ކުރި މިފަހަރު ވެސް ހޯދި ޤައުމަކީ ސްޕެއިން އެވެ. އަދި ރޭންކިންގެ އެންމެ ފުލަށް މިފަހަރު ވެއްޓުނު ގައުމަކީ ތުރެކްސް އެންޑް ކައިކޮސް އައިލެންޑެވެ. އެއް ދަރަޖާގެ ކުރިއެރުމަކާއެކު ދުނިޔޭގެ ދެ ވަނަ މިފަހަރު ލިބުނީ ޖަރުމަނަށެވެ. އަދި ދުނިޔޭގެ ތިން ވަނައަށް ނެދަލެންޑްސް މިފަހަރު ވެއްޓުނުއިރު، ދުނިޔޭގެ ހަތަރު ވަނަ ލިބުނީ އުރުގުއޭ އެވެ. ދުނިޔޭގެ ފަސް ވަނާގައި އިގިރޭސި ވިލާތް އޮތްއިރު، ހަ ވަނަ ލިބުނީ ޕޯޗިގަލް އަށެވެ. އަދި އެއް ދަރަޖާގެ ގެއްލުމަކާއެކު ބްރެޒިލްއަށް މިފަހަރު ލިބުނީ ހަތް ވަނަ އެވެ.