25 Jun 2021, 17:36
މިދިޔަ މެއިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށްފަހު ރައްޔިތުންގެ ހިތުގައި ވަނީ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ އޮއިވަރެއް އުފެދިފަ އެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ތިބީ އެމަނިކުފާނުގެ މިވަގުތު ހާލުކޮޅު ހުރިގޮތް ބަލައިލުމަށް އެދި އެދި އެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއްގެ އިންތިޒާރުގައި ކެތް މަދުވެފައެވެ.
މި ނުތަނަވަސް ވަގުތުގައި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކަށާއި އެމްޑީޕީ މެމްބަރުންގެ ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނެސްދިނުމުގެ ގޮތުން "މެއި ހައެއް ކޮމެޓީ" ގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ ރައީސް ނަޝީދުގެ މިވަގުތު ހާލުކޮޅު ހުރި ގޮތް ވިދާޅުވެދެއްވާފައެވެ.
ހަފްތާއަކު އެއްފަހަރު ސިލްސިލާކޮށް ބާއްވަމުން އަންނަ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން އަފީފު ވިދާޅުވީ ރައީސް ނަޝީދުގެ އެތެރެހަށްޓަށް ލިބުނު އަނިޔާ މިހާރު ރަނގަޅުވެއްޖެ ކަމަށެވެ.
އޭނާ ވިދާޅުވީ އެތެރެހަށީގެ ހުރިހާ ފާރެއްވެސް ހިކިއްޖެ ކަމަށާއި އަދި ގޮހޮރަށް ލިބުނު އަނިޔާގެ އިތުރުން މެޔަށް ލިބުމު އަނިޔާވެސް މިހާރު ފަސޭހަ ވެފައިވާ ކަމަށެވެ.
"އަޅުގަނޑު ރައީސަށް ދެންނެވިން ހަރަކާތް ކުރުމުގައި އެއްވެސް އުނދަގުލެއް ވޭތޯއޭ. ދެން ވިދާޅުވީ ހަރަކާތް ކުރުމުގައި ވައަތު އުޅަނބޮށީގެ ހަރަކާތްތައް ގާތްގަނޑަކަށް 50 ޕަސެންޓުގެ ހަރަކާތެކޭ މިވަތު ކުރެވެނީ. ދެން ކަނާއަތުގެ ތިން އިނގިލި ވަރަށް ބޮޑަށް އައްސިވެފަ ކަމަށް ވިދާޅުވި. ދެން އެ ތިން އިނގިލީގެ ހަރަކާތްތައް މިކުރަނީ ގާތްގަނޑަކަށް 10 ޕަސެންޓް ކަމަށް ވިދާޅުވި. މިއީ ދެން ރައީސް ނަޝީދުގެ ހާލުކޮޅު މިވަގުތު ހުރިގޮތް. މިއަދު އަޅުގަނޑު ރައީސް އާ ވާހަކަ ދައްކާލީމަ ވިދާޅުވި ވާހަކަ،" އަފީފު ވިދާޅުވިއެވެ.
އަފީފު އިތުރަށް ވިދާޅުވީ މިވަގުތު ހަށިގަނޑުގެ ބޭރުން ލިބިފައި ހުރި އަނިޔާގެ ތެރެއިން ފައިގެ ފާރުގަނޑެއް އަދި ނުހިކި ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.
ފާއިތުވި މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ އެމަނިކުފާނަށް ފަރުވާ ދެއްވީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އެ ހޮސްޕިޓަލުން 16 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ޖަރުމަންވިލާތަށް ވަޑައިގެންފަ އެވެ.
އެގައުމުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ މިލިޓަރީ ހޮސްޕިޓަލެއްގަ އެވެ.
އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ބޮން ގޮއްވާލި މީހާ ވެސް ހިމެނެ އެވެ.