24 Jun 2021, 19:25
ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމް އިން އެހެން ބުނެފައި ވަނީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަށް ތަފާތު ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ބައިވެރި ނުވުމަށް އިލްތިމާސްކޮށް ނެރުނު ބަޔާނެއްގަ އެވެ.
ޕީޕީއެމް އިން ބުނީ، ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ އެ ޕާޓީ އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ކަމަށެވެ. އަދި އެހެން އެއްވެސް ޕާޓީއަކާ އެކު ނުވަތަ އެހެން ބަޔަކާއެކު އެމަނިކުފާނު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
"އަދި އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާ ވާހަކަ ވެސް ދެންނެވީމެވެ."
އެހެންކަމުން، ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން، އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް ނުވަތަ ސިޔާސީ މަންފާ ހޯދުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތުގައި ޕީޕީއެމް އާއި ޕީއެންސީ އާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެފަދަ ފަރާތްތަކާއި ބައިވެރި ނުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.