ދައުލަތުގެ ޕަބުލިކް ސާވިސް ބްރޯޑް ކާސްޓަރު މޯލްޑިވްސް ބްރޯޑް ކާސްޓިން ކޯޕަރޭޝަންގެ ]އެމްބީސީ[ ގެދަށަށް ދިވެހިރާއްޖޭގެ އަޑާއި ޓީވީމޯލްޑިވްސް (ޓީވީއެމް) ބަދަލުކޮށް އެ ކޯޕަރޭޝަނުން ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

ޓީވީއެމްގެ ސްޓޫޑިޔޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްބީސީބޯޑުގެ ޗެއާމަން އިބުރާހިމް އުމަރު މަނިކު ވިދާޅުވީ އެމްއެންބީސީގެ ނަމުގައި ހިންގަމުން އައި އެމްއެންބީސީ ވަން އާއި ރާއްޖެ ރޭޑިޔޯ ދައުލަތުގެ ޕަބުލިކު ސާވިސް ބުރޯޑް ކާސްޓަރެއްގެ ހިދުމަތް ދިނުމަށް އެމްބީސީގެ ދަށަށް ގެނައީ ގާނޫނީ ގޮތުން ނިންމަން ޖެހޭ ހުރި ހަކަންތަކެއް ނިންމުމަށް ފަހުގައި ކަމަށާއި އެމްބީސީގެ ހިދުމަތް ގާނޫނީ ހުދޫދުގެ ތެރެއިން ހަމަހަމަކަމާއި ތަފާތުކުރުމެއް ނެތި އިންސާފާ އެކު ގާތުން ރައްޔިތުން ފޯރުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ސަރުކާރަށާއި ހުރިހާ ސިޔާސީ ޕާޓީތަކަށާއި ހުރިހާ ސިޔާސީ ބޭފުލުންނަށް ވެސް ޔަގީންކަން އަރުވަން ހަމަހަމަކަމާއި އިންސާފާ އެކު ކުރިއަށް ގެންދާނެ ކަމުގެ. ހަމައެގޮތަށް ތިބޭފުޅުން ވެސް އަލުގަނުމެން ގާނުނާއި އެއްގޮތަށް މަސައްކަތްކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދުކުރަން،" މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ އެމްއެންބީސީގެ ނަމުގައި ދައުލަތުގެ މީޑިޔާ ހިންގަމުން ގެންދިޔަ އިރު އެ މުއައްސަސާ އިން ވަކިކޮށްފައިވާ މުވައްޒަފުން އެމްބީސީގެ ގާނޫނުގައިވާ ގޮތަށް 2008 ނޮވެމްބަރުގެ ނިޔަލަށް ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމްގެ ނަމުގައި ތިބިމުވައްޒަފަކު ގާނޫނާ ހިލާފަށް އެމްއެންބީސީން ވަޒީފާ އިން ވަކިކޮށްފައިވާ ނަމަ ވަޒީފާ އިން ވަކިކުރި މުވައްޒަފުންނަށް ވަޒީފާ އަލުންދިނުމުގެ މަސައްކަތް ގާނޫނީ ހުދޫގެ ތެރެއިން ކުރައްވާނެ ކަމަށެވެ.

"އަލުގަނޑުމެން ބޯޑުގެ ބައްދަލުވުމުން ނިންމާފައިވާނެ މުވައްޒަފުންގެ ކައިރީގައި އެ ވާހަކަ މިހާރު ދަންނަވާފައިވާނެ އެބޭފުޅުންނަށް ގާނޫނުގައި އޮތް ރައްކާތެރިކަން ލިބިގެންވާ ވާހަކަ ދަންނަވާފައި ވާނީ. އެއްވެސް މުވައްޒަފަކު ކަނޑާލަކަށް އަޅުގަނޑުމެން ގަސްތުކޮށްފައެއް ނުވާނެ،" މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ އެމްބީސީން ދިވެހި ރައްޖޭގެ އަޑާއީ ޓީވިއެމްގެ ހިދުމަތް ފޯރޮކޮށްދޭ އިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެ ކޯޕަރޭޝަނުގެ ޕްރޮޑިއުސަރުންނާއި ޖާނަލިސްޓުން ބައިތިއްބައިގެން ހަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގެ ހިދުމަތް ދެއްވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ދައުލަތުގެ މީޑިޔާއަކުން ދޭން ޖެހޭ ފުރިހަމަ ހިދުމަތްތައް ގާއިމްކޮށް ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަތޮޅުތަކުގައި ހުރި މީޑިޔާސެންތައް ވެސް އޮޕަރޭޝަނަށް ގެނެސް ރާއްޖޭގެ ހުރިހާ އަތޮޅަކުން އެމްބީސީގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ.
އެމްބީސީގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފީގު މަހުމޫދު ވިދާޅުވީ މިއަދުން ފެށިގެން މުވައްޒަފުން މަސައްކަތް ކުރައްވާ އިރު އެމްބީސީން ކަނޑަޅާފައިވާ އެޑިޓޯރިއަލް ޕޮލިސީއާކާ އެއްގޮތަށް މިނިވަންކަމާ އެކު އެއްވެސް ހުރަހެއް ނެތި ހަބަރު ފެތުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުން ގާނޫނާ ޚިލާފަށް ދައުލަތުގެ މީޑިއާ އެމްއެންބީސީއާ ހަވާލުކޮށްގެން ހިންގަމުން އަންނަނިކޮށް، ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑު އެމްބީސީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް އެމްބީސީއާ ވަނީ ހަވާލުނުކޮށްފަ އެވެ. މިމަހުގެ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުވުމާ އެކު މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވަނީ އެމްބީސީ ބޯޑާ ދައުލަތުގެ މީޑިޔާ ހަވާލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް ކުރިން އެމްއެންބީސީގެ ބޯޑުއުވާލައްވައި އާބޯޑެއް އައްޔަންކުރުމަށް ފަހު ގަނޫނީ ގޮތުން އެމްއެންބީސީ އެމްބީސީއާ ހަވާލުކޮށްފަ އެވެ.

އެމްބީސީ ގާއިމުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ މީޑިއާގެ ގޮތުގައި އޮތް ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑަކީ، އެ ގާނޫނަށް އަމަލުކުރަން ފެށި ދުވަހުން ފެށިގެން އެމްބީސީގެ ދެ ޗެނަލްގެ ގޮތުގައި ބަލަން ޖެހޭ ދެ ތަނެވެ. އެ ގާނުނޫގައި ބުނެފައި ވަނީ ގާނޫނަށް އަމަލުކުރަން ފަށާހިސާބުބުން ފެށިގެން އެ ދެ ތަނުގެ އެންމެހައި މުދަލާއި ވަސީލަތްތަކާއި އެ ދެތަން ހިންގުމަށް ދޫކޮށްފައިވާ ބިމާއި އެ ތަންތަނަށް ދޫކޮށްފައިވާ ފްރީކްއެންސީތަކާއި ހުރިހާ އުޅަނދުތަކާއި ފަރުނީޗަރާއި އާލާތްތަކާއި ދައުލަތުގެ ބަޖެޓުން ދީފައިވާ ފައިސާ އާއި އެ ތަންތަނުގެ އަރުޝީފު ހިމެނޭ ގޮތަށް އެމްބީސީގެ ދަށަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުން ވަނީ އެތަން އެމްބީސީއާ ހަވާލުނުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.