15 Feb 2012, 12:22
އައްޑޫ ސިޓީ: ހިތަދޫން އަހުމަދު ނާއިފް
ވެރިކަން އަނބުރާ ހޯދުމަށް ކަމަށް ބުނެ މިމަހުގެ 8 ވަނަ ދުވަހު އެމްޑީޕީން އިސްވެ އޮވެ މާލެ އާއި އަތޮޅުތަކުގައި ކުރި ބޮޑު މުޒާހަރާގައި ދައުލަތުގެ ގިނަ އިމާރާތާއި ތަކެއްޗާ އަދި މުދަލަށް ވަނީ އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ދީފަ އެވެ. އޭނގެ އެންމެ ރަނގަޅު މިސާލެއް ފެންނަނީ މި ސިޓީންނެވެ.
މި ސިޓީގެ އެންމެ ގެއްލުންވި ހިތަދޫގެ ޕޮލިސް ސްޓޭޝަނާއި ޕީޖީ އޮފީހާ އަދި ހިތަދޫ ކޯޓު ވަނީ އަންދާލުމާ އެކު ލޫޓުވާލާފަ އެވެ.
އެމްޑީޕީ މުޒާހަރާގެ ބައިވެރިން ހުޅު ޖަހައި ގެއްލުންދިން ޕީޖީ، އައްޑޫ ބްރާންޗް ހިންގަނީ ހިތަދޫ، މުހަންމަދު ސައުދީގެ "ބިނާ" ގަ އެވެ. އައްޑޫ ބޮޑު ހުޅުގެ ގެއްލުމާ ކުރި މަތިލާންޖެހުނު މަދު މީހުންގެ ތެރޭގައި ސައުދީ ހިމެނެ އެވެ.
ތިން ކޮޓަރި އާއި ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އަދި ގަރާޖަކާ އެކު އެއްބުރިއަށް ހުންނަ އެގެ ވަނީ ސުންނާފަތި ކޮށްލައިފަ އެވެ. ރޭގަނޑު ހަތެއް ޖަހާކަށްހާ އިރު ފެށި ހުޅު ހިތަދު އާއި ހިސާބުން ނިމުނު އިރު ސައުދީގެ، ބިނާގެ ދޮރުފަތްތަކާއި މުށި ތަކާއި ފަންކާތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފަ އެެވެ.
"އަޅުގަނޑުގެ ދަރިން ސުވާލު ކުރަނީ ބައްޕާ ގެޔަށް ވީ ކީއްހޭ. އެކުދިންނަށް ވެސް އަޑު އިވޭނެތާ. އެހެންވެ އެކުދިން އެތިބެނީ ސިހި ސިހި. މިއީ އަނިޔާވެރިކަމުގެ އިންތިހާ،"ސައުދީ ބުންޏެވެ.
އޭނާ ބުނީ މީގެ 10 އަހަރުކުރިން 2004 ވަނަ އަހަރު އެގެ އިމާރާތް ކޮށް ނިމުނު އިރު 1.2 މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި އެގެއަށް ލިބުނު ގެއްލުންތަކުގެ އަގު ތިން ލައްކަ 70،000ރ. އަށް އަރާ ކަމަށެވެ.
"މުޅި ގެ ޖެހޭނީ އަލުން ހަދަން. ގޭގައި އެހެރީ ކޮންމެވެސް ވަރަކަށް ރޯވެސް ކޮށްފައި. އަދި ސަލާމަތުން ހުރި ޓައިލްސް ގަޑެއް ފަންކަލެއް ހާ ހިސާބުވެސް ނެތް،" ސައުދީ ބުންޏެވެ.
އޭނާއަކީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއް ނޫނެވެ. ހަތަރު ކުދިންނާއި އާއިލާ އާ އެކު ސައުދީ ދިރިއުޅެނީ އަބުރުވެރި ދިރިއުޅުމެކެވެ. އަދި އޭނާއަކީ ސިވިލްސާވިސްގެ ޒިންމާދާރު މަގާމެއް އަދާކުރައްވާ ބޭފުޅެކެވެ.
ސައުދީ އަށް ފެބްރުއަރީ އަށް ވަނަ ދުވަހަކީ ހިތި ދުވަހެކެވެ. ސައުދީގެ ގޭގައި ޖެހި ހުޅު ނިންވިފައި ހުއްޓަސް ބިރުވެރިކަމާއި ހިތިކަމުގެ އަލިފާން އަދިވެސް ސައުދީގެ ހިތަކުން ނުނިވެ އެވެ.
"އަޅުގަނޑު އައިރު އަލިފާން ކޮންމެވެސް ވަރަކަށް ހުރި. އެކަމަކު މި ހިސާބު ބައެއް މީހުން ފެންޖަހައިގެން ނިއްވާލާފައި ހުރީ،" ސައުދީ ބުންޏެވެ. "މި ވަރުގެ ބޮޑު އަނިޔާއެއް މީހަކު ނުކުރާނެ. މީ އަނިޔާގެ އިންތިހާ،"
ސައުދީ އަށް ލިބުނީ މާލީ ގެއްލުމެކެވެ. މުޅި މި ސިޓީގެ ރައްޔިތުންނަށް ވަނީ ނަފްސާނީ ގެއްލުމާއި ބިރާ ކުރިމަތިވެފަ އެވެ. އެގޮތަށް ސައުދީ ވެސްމެ އެވެ. މިރަށުން ފައިބައިގެން އަހަރުމެން ދާއިރު އަހަރުމެންވެސްމެ އެވެ. އައްޑޫ ވަނީ ބުނަން ނޭންގޭ ބިރުވެރި ކަމެއްގަ އެވެ.