ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނު ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފުރަތަމަ އެންގީ މިއަދު ހަވީރު 4:00 އަށް ކަމަށެވެ. ނަމަވެސް ފަހުން ވަނީ އެ ގަޑި ފަސްކޮށްފައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފަސް ކުރި ވަކި ގަޑިއެއް އޭނާ ވިދާޅެއް ނުވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ހައްޔަރު ކުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ވަނީ ދީފަ އެވެ.

ފުލުހުން ބުނީ ރައީސްގެ ބަޔާނެއް ނަގަން ބޭނުން ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރި މައްސަލައާ ގުޅިގެން ކަމަށެވެ.

ނަމަވެސް ކުރީގެ ރައީސްގެ ގާނޫނީ ވަކީލު މާރިޔާ އަހުމަދު ދީދީ ބައެއް މީޑިއާތަކަށް ދެއްވާފައިވާ އިންޓަވިއުތަކުގައި ވިދާޅުވެފައި ވަނީ ނަޝީދު ފުލުސް އޮފީހަށް ދެއްވާނެ ބަޔާނެއް ނޯންނާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް އިސް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރުމުން، ސުޕްރީމް ކޯޓާއި ހައި ކޯޓުން އޭނާ ދޫކޮށްލުމަށް އެންގި އެވެ. ނަމަވެސް ނަޝީދު ވަނީ އެ އެންގުމަށް ކިޔަމަންނުވެފަ އެވެ.