23 Jun 2021, 14:27
ހަވާނާ (މޭ 23) : ކޮވިޑް-19 އާ ދެކޮޅަށް ކިޔުބާއިން އުފެއްދި ދެވަނަ ވެކްސިން ކަމަށްވާ "އަބްޑާލާ" ވެކްސިން ގަންނަން ލެޓިން އެމެރިކާގެ ބައެއް ގައުމުތަކާއި އޭޝިއާއާއި އެފްރިކާގެ ބައެއް ގައުމުތަކުން ބޭނުންވާކަން އެގައުމުން ހާމަކޮށްފިއެވެ.
ވެކްސިންއާއި ބޭސް އުފެއްދުމާބެހޭ ކިޔުބާގެ މަރުކަޒުގެ ވެރިޔާ ރޮނާލްޑޯ ޕެރޭޒް ވިދާޅުވީ އެގައުމުގެ "އަބްޑާލާ" ވެކްސިން ގަތުމަށް އެދި ހުށަހަޅާފައިވާ ގައުމުތަކުގެ ތެރޭގައި އެފްރިކާގެ ބައެއް ގައުމުތަކާއި ވިއެޓްނާމް، ވެނެޒުއޭލާ، އާޖެންޓީނާ އަދި މެކްސިކޯ ހިމެނެއެވެ. "އަބްޑާލާ" ގެ ނަމުގައި މިވެކްސިން އުފެއްދީ ކިޔުބާ ސަރުކާރުގެ "ބަޔޯކިއުބާފާމާ" ކުންފުނިންނެވެ.
އެމެރިކާއިން 50 އަހަރުވަންދެން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ހިސާރުކޮށްފައިވާ ކިޔުބާއަކީ މެޑިކަލް ސައެންސްގެ ރީސާޗްތަކުގައި ގައި ދުނިޔޭގެ އެއްވަނަ ދަރަޖައިގެ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. ޚާއްސަކޮށް ކެންސަރު ބަލީގެ ރީސާޗްތަކުގައި ކިޔުބާ ހާސިލްކޮށްފައިވާ ކާމިޔާބީތަކަކީ މަދުގައުމަކަށް ނޫނީ މިހާތަނަށް ހޯދިފައިނުވާ ވަރުގެ ހޯދުންތަކެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުބާއިން އުފައްދާ ބޭސްތަކަކީވެސް ފެންވަރު ރަނގަނޅުކަމުގެ ގޮތުން ދުނިޔޭގައި މަޝްހޫރު ބޭސްތަކެކެވެ. ކިޔުބާގެ "އަބްޑާލާ" ވެކްސިންއަކީ ތިން ޑޯޒުން ފުރިހަމަ ކުރާގޮތަށް ތައްޔާރުކޮށްފައިވާ ވެކްސިން އެކެވެ. އެވްކްސިންގެ ތިން ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފުރުސަތު 92.2 އިންސައްތައަށް ލިބޭކަން ރީސާޗްތަކުން ހާމަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
"އަބްޑާލާ" ވެކްސިންއަކީ މިހާތަނަށް ދުނިޔޭގެ ގައުމުތަކުން އީޖާދުކޮށްފައިވާ ކޮވިޑްގެ ވެކްސިންތަކަށް ބަލާއިރު ކޮވިޑް އިން ރައްކާތެރިވުމުގެ ޗާންސް އެންމެ ބޮޑު ވެކްސިން ކަމަށް މައުލޫމާތު ލިބެއެވެ. ކިއުބާއިންވަނީ "ކޮބެރާނާ 2" ގެ ނަމުގައި އެހެން ވެކްސިން އެއްވެސް އުފައްދާފައެވެ. އެއީ ދެ ޑޯޒުގެ ވެކްސިންއެކެވެ. ނަމަވެސް "ކޮބެރާނާ 2" ވެކްސިން ގެ ދެ ދޯޒު ޖެހުމުން ލިބޭ ކޮވިޑް އިން ރައްކާތެރިވުމުގެ ފުރުސަތަކީ 62 އިންސައްތަކަށް އެގައުމުން ބުނެއެވެ.
"ކޮބެރާނާ 2" އާއި "އަބްޑާލާ" ވެކްސިން ބޭނުންކުރުމުގެ ހުއްދަ ކިޔުބާގެ ކަމާބެހޭ އިދާރާތަކުން ވަރަށް އަވަހަށް ދޭނެ ކަމަށް "ބަޔޯކިއުބާފާމާ" ކުންފުނިން އުންމީދު ކުރެއެވެ.