23 Jun 2021, 12:14
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި، އަހްމަދު ޝަރީފް ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ. ޝަރީފް އީސީ އިން އިސްތިއުފާ ދެއްވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
މެމްބަރުކަމަށް ކުރިމަތިލާން އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޖުލައި 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
މީގެ އިތުރުން މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
އަދި މަގާމަށް ކުރިމަތިލާ ފަރާތަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ވެގެންވެސް ނުވާނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައި ވާންޖެހެއެވެ.
އީސީގެ މެންބަރު ކަަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެއެވެ.