މ. މުއްޔަށް ހޮނުއަޅައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކަކަށް ގެއްލުންވެއްޖެ އެވެ.

މުލީ ކައުންސިލްގެ ރައީސް މޫސާ ނަސީރު މިއަދު ވިދާޅުވީ އެ ރަށަށް ހޮނުއެޅީ މިއަދު ހެނދުނު 7:40 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވި ނަމަވެސް އެންމެ ބޮޑަށް ހޮނުއަޅައި ގެއްލުންވީ އެ ރަށު "މައިކް" އޮފީހަށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައި ހުރި ކަމަށެވެ.

ކައުންސިލަރު ވިދާޅުވީ ހޮނުއެޅީ މައިކް އޮފީސް ކައިރީ ހުރި އެންޓާނާއަކަށް ކަމަށެވެ. އިންޓަނެޓްގެ ޚިދުމަތް މުއްޔަށް ދެމުން އަންނަ މައިކް އޮފީހުގައި ހުރި ކޮމްޕިއުޓަރުތަކާއި ބައެއް އެހެނިހެން އިލެކްޓްރޯނިކް ސާމާނުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ. އަދި އެ އޮފީސް ހުރި ގެއަށް ވެސް ހޮނުއެޅުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ އެ ރަށު ސްކޫލްގައި ހުރި ހަތަރު ކޮމްޕިއުޓަރެއް ހަލަކުވެފައިވާ އިރު އިތުރު ގޭގެއަށް ގެއްލުމެއް ލިބިފައި ހުރިތޯ ސާފު ކުރަމުން އަންނަ ކަމަށެވެ.

މުލީ ކައުންސިލްގެ ރައީސް މޫސަ ވިދާޅުވީ ރެއިން ފެށިގެން އެ ރަށަށް ދިޔައީ ގުގުރި ޖަހަމުން ކަމަށެވެ. އަދި މިހާރު ވެސް އޮތީ ބަނަކޮށް ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.