ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ކުރީގެ ރައީސް މުޙަންމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދު ދޮގުކުރައްވައިފި އެވެ.

ވެރިކަން ބަދަލުވެގެންދިޔައީ ޣައިރު ޤާނޫނީ ގޮތަކަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވި ކަމުގައި ވީނަމަވެސް، މި ވާހަކަތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބީބީސީ. ރޭޑިއޯގެ "ޓުޑޭ" ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިނގިރޭސިވިލާތާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނަށް ވުރެ ގިނަ ބަޔަކު އަޑުއަހާ ބީބީސީ ރޭޑިއޯގެ "ޓުޑޭ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ވެރިކަން ބަދަލުވެގެންދިޔަ ގޮތް ބެލުމަށް ކޮންމެ ފަރާތަކުން އަޔަސް އެކަމަށް މަރުޙަބާ ވިދާޅުވާނެ ކަމަށެވެ. ރައީސް ނަޝީދު އިސްތިޢުފާ ދެއްވާފައި ވަނީ އަމިއްލަފުޅަށް އެއްވެސް މަޖްބޫރުކަމެއް ނެތި ކަމުގައި ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެމަނިކުފާނު މިހާރު އަދާކުރައްވަމުން ގެންދަވަނީ ޤާނޫނު އަސާސީ އިން އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ވާޖިބެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.