22 Jun 2021, 15:30
ކުރިއަށް އޮތް ހަފްތާގައި ވެސް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން މިއަދު ވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުގެ ދަށުން މާލެ ސަރަހައްދުގައި ހުންނަ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރާގޮތަށް ނިންމާފައި އޮތް އޮތުން މިމަހުގެ 29 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ރައީސް އޮފީހުން ނެެރުނު ދެންނެވުމެއްގައި ބުނީ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުުމަތްތަކެއް އޮންލައިންކޮށް ދެމުން ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެެ.
އަދި ސަރުކާރުގެ އިދާރާތަކުންދޭ އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެ ނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި އެޗްޕީއޭ އިން އަންގާ އެންގުންތަކަށް ހުހިހާ މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ރައީސް ވަނީ އަންގަވާފަ އެވެ.
އެ ދެންނެވުމުގައި ބުނީ މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫން ކަމަށެވެ.