21 Jun 2021, 23:55
ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭ ބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ނުހިންގަވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ކޮވިޑް19ގެ ހާލަތު ގޯސްވެ، މާފުށީ ޖަލުން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމުންނެވެ.
ރައީސް ޔާމީން ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގަވާ ކަމަށް ފަތުރަމުންދާ ހަބަރުތަކާ ގުޅޭގޮތުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނުގައި ބުނީ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރިއިރު ފޯނު ބޭނުން ކުރެއްވުމުގެ ހުއްދަ ކަރެކްޝަނުން ދިން ކަމަށެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ ސޯޝަލް މީޑިއާ ގްރޫޕުތަކާއި ޕާޓީގެ ކައުންސިލް ގްރޫޕުތަކުގައި އެމަނިކުފާނު ވާހަކަ ދައްކަވައި، ވީޑިއޯ ކޮންފަރެކްސްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނާ ހަބަރުތައް އެ ބަޔާނުގައި ވަނީ ދޮގުކޮށްފަ އެވެ.
އެގޮތުން ޕާޓީގެ ވަޓްސްއެޕް އަދި ވައިބާ ގްރޫޕުތައް ބޭނުންކުރުމުގެ ހުއްދައަށް އެދިވަޑައިގެންނެވި ނަމަވެސް އެކަމުގެ ހުއްދަ ކަރެކްޝަނުން ދީފައިނުވާތީ ބޭނުން ނުކުރައްވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެފަދަ ވާހަކަތައް ފަތުރަނީ ފިތުނަ އުފައްދަންކަން ކަމަށާއި ދޮގު ހަބަރުތައް ފަތުރާނަމަ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.