21 Jun 2021, 23:29
ހިޔާ ފްލެޓުތަކުގެ ގުރުއަތު ނެގުން މާދަމާ ފަށަން ނިންމައިފި އެވެ.
ކޮވިޑް19ގެ ހާލަތާ ގުޅިގެން މެދުކަނޑާލާފައި އޮތް ހިޔާ ފްލެޓުތަކުގެ ގުރުއަތު ނެގުން ފަށަން ފުރަތަމަ ރޭވީ މިއަދު އެވެ.
އެހެން ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދަށް ރޭވި ގުރު ނެގުން ވަނީ ކެންސަލްކޮށްފަ އެވެ.
އެޗްޑީސީއިން ބުނީ ހިޔާ ފްލެޓުގެ ގުރުނެގުން ތާވަލުކޮށްފައިވަނީ މާދަމާ (21 ޖޫން)ގެ މެންދުރު 1:00ގައި ފެށުމަށް ކަމަށެވެ.
އެ ގުރުނެގުން އިންތިޒާމުކޮށްފައިވަނީ ކޮވިޑް19ގެ ހާލަތާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ އަޅާފައިވާ ފިޔަވަޅުތަކަށް ފެތޭނެހެން، އަމަލީ ގޮތުން ވީހާވެސް މަދު ބަޔަކަށް ބައިވެރިވެވޭނެ ގޮތަށް ކަމަށް އެޗްޑީސީއިން ބުނެ އެވެ.
މާދަމާ ގުރު ނެގުމަށް ހަމަޖެހިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް (H7), ސިވިލް ސާވިސް ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ (H6), 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ (H7), މާލޭ ރަށްވެހިންނަށް ހާއްސަ (H8)، މާލޭ ދަފްތަރު ކެޓަގަރީ (H9) އަދި ފުލުހުންގެ ކެޓަގަރީއިން ލިބިފައިވާ ލިސްޓުތަކުންނެވެ.
ފުލުހުންގެ ލިސްޓު ފިޔަވައި ދެންހުރި ލިސްޓުތަކަކީ ޕްލޭނިން މިނިސްޓްރީ އިން ވެރިފައިކޮށްފައިވާ ފަރާތްތައް ކަމަށައި ކުރިއެކޭ އެއްގޮތަށް ގުރުނަގާނީ އައިޑީކާޑު ނަންބަރު ތަރުތީބުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.
ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުލިވޭ ފަރާތްތަކުގެ ތެރެއިން 5،603 މީހެއްގެ ގުރުއަތުލުން މީގެ ކުރިން ވަނީ ބާއްވައިފައެވެ. 6،720 ފްލެޓު ދޫކުރަން ނިންމާފައިވާއިރު ފްލެޓުތަކުގެ އެގްރިމެންތު ޑްރާފްޓު މިހާރު ވަނީ އާންމުކޮށްފަ އެވެ.
މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ އަންނަ މަހުގެ 14 އިން ފެށިގެން ހިޔާ ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއިކުރަން ފަށާނެ ކަމަށާއި މަސްދުވަސްތެރޭ ހުރިހާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށެވެ.
ފްލެޓުތަކުގައި ކުލަލައި، ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާތަކުގެ ދޮރު ހަރުކުރުމާއި ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.
ފްލެޓު ހަވާލު ކުރުމަށް ފަހު އެ މަސައްކަތްތައް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދޭން ވަނީ ނިންމައިފަ އެވެ. ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ އެވެ.