ރާއްޖޭގައި ގުރުއާނާއި އަރަބި ކިޔަވައިދޭން އިންޑިއާއިން ފޮނުވާ ޓީޗަރުންގެ ފުރަތަމަ ބެޗު ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާގެ 'ދަ ހިންދޫ' ނޫހުން ރިޕޯޓުކުރާ ގޮތުގައި ރާއްޖެއަށް ގުރުއާނާއި އަރަބި ކިޔަވައިދޭން ޓީޗަރުން ފޮނުވާފައިވަނީ އިންޑިއާގެ ކެރަލާ ސްޓޭޓުންނެވެ.

ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވެގެން އެ ޓީޗަރުން ފޮނުވާފައިވަނީ އިންޑިއާގެ ރެކްރޫޓްމަންޓް އެޖެންސީ 'ނޯކާ ރޫޓްސް' މެދުވެރިކޮށެވެ.

އެ ނޫހުން ރިޕޯޓުކުރާ ގޮތުގައި ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކަށް ބޭނުންވާ 400 މީހުންނާއި އަމިއްލަ ހޮސްޕިޓަލްތަކަށް ބޭނުންވާ ނަރުހުން ހޯދުމުގެ މަސައްކަތް ނޯކާ ރޫޓްސްއިން މިހާރުވެސް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީން ބޭނުންވެގެން މައިގަނޑު ހަ ކެޓަގަރީއަކުން މެޑިކަލް ސްޓާފުން ހޯދުމަށް އިއުލާނުކުރީ މިއަހަރުގެ މާޗު މަހުގަ އެވެ.

އެގޮތަށް އިއުލާނު ކުރުމަށްފަހު ކޮވިޑްގެ އޮޕަރޭޝަންގައި ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ މުވައްޒަފުން ވޮލަންޓިއާ ކުރުމަށް ހެލްތު މިނިސްޓްރީން އެދުމުން އެ މައްސަލަ ހޫނުވެސް ވި އެވެ. އެއީ ދިވެހިން ވޮލަންޓިއާ ކުރުމަށް އެދި، ބޭރުން މުސާރަ ދީފައި ފަންނީ މީހުން ގެންނާތީ އެވެ.

އެހެން ނަމަވެސް އެފަހަރު އިންޑިއާއިން ޑޮކްޓަރުން ހޯދަން އިއުލާނު ކުރީ މިއަހަރުގެ ފެބުރުއަރީ މަހު ދިވެހި ޑޮކްޓަރުންނަށް ވަޒީފާ ދިނުމަށްފަހު އިތުރަށް ޑޮކްޓަރުން ބޭނުންވާތީ ކަމަށް، ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.