ބަނގުރާ ހުސްކުރި އިތުރު 40 ފުޅި މުލިއާގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ 40 ފުޅި ފެނިފައި ވަނީ މުލިއާގޭގައި ހުރި ގުދަނެއް ކަހަލަ ތަނެއްގެ ތެރެއިން ކަމަށެވެ. އަދި 40 ފުޅި ފެނިފައި ވަނީ މުލިއާގެ އިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ހަޝިޝް އޮއިލްތަކެއް ފެނުނު، މި މަހުގެ 7 ވަނަ ދުވަހުގެ ފަހު ދުވަހު، (8 ވަނަ ދުވަހު) ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ އިރު އެކަމާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ފުލުހުން ސުވާލު ކުރާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅިގެން ސުވާލު ކުރި އެއްވެސް މީހެއްގެ ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ސްޕޯކްސްޕާސަން ޢަލީ ރަޝީދު އިއްޔެ ވިދާޅުވީ ގިނަ ޢަދަދަކަށް ބަނގުރާ މާލެ އާއި އަތޮޅުތަކުގައި ގެންގުޅޭ ކަމަށާއި ރާއްޖޭގައި ބައެއް ކުށްތައް ކުރާ ފަރާތްތައް ކުށްތަކަށް އަރައިގަންނަނީ މަސްތުގެ ހާލުގައި ތިބެގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާދެއްވި ދުވަހު، މުލިއާގެ އިން ގިނަ އަދަދެއްގެ ބަނގުރަލާއި ބަނގުރާ ހުސްކުރި ފުޅީގެ އިތުރުން، ހޭޝް އޮއިލް ބޭނުންކޮށްފައި ހުރި ތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ.

މުލިއާގެ އިން ފެނުނު ރާފުޅިތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވައިގެން ފޮށި ފޮށީގައި ބަންދުކޮށްފައިވާ ރާފުޅިތައް ހުރި އިރު ބައެއް ފުޅިތަކަކީ ބޭރުގެ ބައެއް ފަރާތްތަކުން ރައީސް ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތި ކަން އެނގޭ ޓެގާއި ސިޓީ އުރަ ވެސް ހުއްޓެވެ. އަދި ބޭރުގެ ބައެއް ބޭފުޅުން ރައީސް ނަޝީދަށް ހަދިޔާ އަށް ފޮނުވާފައިވާ ކަމަށް ލިޔެފައިވާ ޓެގްތައް ހުރި ރާފުޅި ވެސް ހުއްޓެވެ.

ފުލުހުން ބުނީ ބައެއް ފުޅިތައް މުލިއާގެ ތެރެއަށް ވައްދާފައި ހުރީ އޭފޯ ސައިޒުގެ ސިޓީ އުރައިގެ ތެރޭ، އޭގެ ބޭރުގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ޗެކްކޮށްފައި ކަމަށް ސްޓޭމްޕް ވެސް ޖަހާފައި ކަމަށެވެ. އަދި ވިދާޅުވީ ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ ފުޅިތައް ފެނުނީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު، މުލީއާގެ ތެރެއިން ނެރުނު ކުނި ލޮރީއެއް ޝައްކުވެގެން ބެލުމުން ކަމަށެވެ.