21 Jun 2021, 21:17
ތެހެރާން (މޭ 21) : އީރާނުގައި އަލަށް އެކުލަވާލާ ސަރުކާރުންވެސް ނިއުކްލިޔާ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ވިއެނާގައި ކުރިޔަށްގެންދާ މަޝްވަރާތަކަށް ފުރުސަތު ދޭނެކަމަށާ ނަމަވެސް ނިއުކްލިޔާ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި އީރާނުގެ ސިޔާސަތުތައް ބަދަލުކޮށް އީރާނުގެ މުސްތަގްބަލް އެއާ ނުގުޅުވޭނެކަމަށް އީރާނުގެ ރައީސުލް މުންތަޚަބު އިބްރާހީމް ރައީސީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވިފަހުން ބޭއްވި ނޫސްވެރިންގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސީ ވިދާޅުވީ ނިއުކްލިޔާ އެއްބަސްވުން ދެމެހެއްޓުމުގެ މަޝްވަރާތަކަށް އީރާން ދިޔައީ ގޮތްހުސްވެގެން ނޫންކަމުގައެވެ. މަޝްވަރާތައް ނާކާމިޔާބު ވެ ނިއުކްލިޔާ އެއްބަސްވުން އަލުން އިއާދަ ނުކުރެވުނު ނަމަވެސް އީރާނުގެ މުސްތަގްބަލް އެކަމާ ގުޅުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އީރާނުގެ ދިފާއަށްޓަކައި އެގައުމުން ކުރިޔަށްގެންދާ ބަލިސްޓިކް މިސައިލް ޕްރޮގްރާމްވެސް ނިއުކްލިޔާ އެއްބަސްވުމާ ގުޅުވަން އެމެރިކާއާއި އިސްރާއީލުގެ އިތުރުން ސައޫދީ އަރަބިޔާ ފަދަ އީރާނުގެ ދުޝްމަނުން ގޮވާލާ ގޮވާލުންތަކަށް ރައީސީ ދެއްވި ރައްދެއްކަމަށް މުރާސިލުން ބުނެއެވެ.
ރައީސީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނައަހަރު އީރާނުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމަކީ ބަދަލުގެނެވޭނެ އެއްޗެއް ނޫނެވެ. އެއެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމާއި އީރާނުން އެއެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުމާބެހޭގޮތުން ވިއެނާގައި ކުރިޔަށްގެންދާ މަޝްވަރާތަކުން ނަތީޖާ ނެރެން އީރާން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ނަތީޖާ ނުނެރެވި މަޝްވަރާތައް ދިގުދަންމަން މަސައްކަތްކުރާނަމަ އެމަޝްވަރާތަކުން އީރާން ވަކިވާނެކަމުގެ އިންޒާރު ރައީސީ ދެއްވިއެވެ.
ނިއުކްލިޔާ އެއްބަސްވުމުގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ނިއުކްލިޔާ ހަރަކާތްތައް އެންމެ ފުޅާދާއިރާއެއްގައި ކުރިޔަށްގެންދާނެކަމަށް ނުސީދާ ގޮތެއްގައި އިޝާރާތް ކުރައްވަމުން އެ އެއްބަސްވުމާ ނުލައިވެސް ބައިނަލްއަގްވާމީ މުޖަތަމައުގައި އީރާނަށް ގިނަ ފުރުސަތުތަކެއް ހުރިކަން ރައީސީ ފާހަގަ ކުރެއްވިއެވެ. މިއީ މިދިޔައަހަރު އީރާނުން ޗައިނާއާއެކު ސޮއިކުރި 25 ބިލިޔަން ޑޮލަރުގެ އިގްތިސާދީ ސްޓްރެޓީޖިކް އެއްބަސްވުމަށް އިޝާރާތް ކުރައްވައި ރައީސީ ވިދާޅުވި ވާހަކައެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.
އީރާނުން ޗައިނާއާއެކު ސޮއިކުރި 25 ބިލިޔަން ޑޮލަރުގެ އިގްތިސާދީ އަދި ސްޓްރެޓީޖިކް އެއްބަސްވުމުގައި އެމެރިކާ ޑޮލަރުގެ ޗައިނާގެ ފައިސާ ކަމަށްވާ ޔުވާން ބޭނުންކޮށްގެން އީރާނާ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ. މި އެއްބަސްވުމުގައި ޗައިނާވަނީ އީރާނުގެ އުމްރާނީ ތަރައްގީގެ ވަސީލަތްތައް (މަދަނީ އިންފްރާސްޓްރަކްޗަރ) ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި 25 ބިލިޔަން ޑޮލަރުގެ މިންވަރު 10 އަހަރު ތެރޭގައި އިންވެސްޓް ކުރުމަށް އެއްބަސްވެފައެވެ.
އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާ އެގައުމުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ގުޅުވުމަށް އެމެރިކާއާއި އިސްރާއީލާއި ސައޫދީ އަރަބިޔާ މަސައްކަތް ކުރަނީ އީރާނުގެ އަތްފައި ބަނދެ އީރާނަކީ އަސްކަރީގޮތުން ބަލިކަށި ގައުމަކަށް ހެދުމުގެ ބޭނުމުގައިކަން އީރާން ދަނެއެވެ. މިކަންކުރަން އެތިން ގައުމުން މަސައްކަތް ކުރާއިރު އެމެރިކާ ގެންދަނީ އެގައުމުގެ ޒަމާނީ ހަތިޔާރު އިސްރާއީލަށާއި ސައޫދީ އަރަބިޔާ އަށް ފޯރުކޮށްދެމުންނެވެ.
މިގޮތަށް އީރާނަށް ހުރަސްއަޅަން އެމެރިކާ މަސައްކަތްކުރާއިރު ނިއުކްލިޔާ ހަތިޔާރާއި އެނޫންވެސް ހުރިހާ ހަތިޔާރެއް ބޭނުންވަރަކަށް އުފެއްދުމުގެ ފުރުސަތު އެމެރިކާއާއި އިސްރާއީލަށް އޮންނަންޖެހޭކަމަށް އެމެރިިކާ ދެކެއެވެ. މީގެއިތުރުން އިރާގާއި ގަލްފުގައި އެމެރިކާގެ އަސްކަރީ ވުޖޫދުވެސް ބާއްވައި ސަރަހައްދުގެ ގައުމުތަކަށް އެމެރިކާގެ ބާރާއި ނުފޫޒު ހިންގުމުގެ ފުރުސަތުވެސް އެމެރިކާއަށް އޮންނަން ޖެހޭކަމަށް އެމެރިކާ ދެކެއެވެ.
އީރާނުގެ ނިއުކްލިޔާ މަޝްވަރާތައް އެމެރިކާއިން ވިއެނާގައި މީގެ ދެމަސްކުރިން ފެށީވެސް އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާއި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ގުޅުވައިގެން އެޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއާއި އިސްރާއީލާއި ސައޫދީ އަރަބިޔާ ކުރި މަސައްކަތް ނާކާމިޔާބުވެ އީރާން އެކަން ގަބޫލުނުކުރުމުން ނިއުކްލިޔާ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ހަދާނެ އިތުރު ގޮތެއް ނެތިގެންނެވެ.
އެހެންނަމަވެސް އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާއި އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ގުޅުވައިގެން އެޕްރޮގްރާމް ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވެ އެމެރިކާގެ މަސްއޫލުވެރިން އަދިވެސް ބަޔާންތައް ދެއްވައެވެ. އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އެމެރިކާ ބޭނުންވާގޮތަށް އީރާނުގެ ސިޔާސަތު ބަދަލުކުރުމުގައާއި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓުވުމަށްޓަކައި އީރާނާދެކޮޅަށް އެމެރިކާ ކުރި ހުރިހާ މަސައްކަތްތަކެއްވަނީ ނާކާމިޔާބު ވެފައެވެ.