15 Feb 2012, 13:32
ރާއްޖޭގެ ނަންބަރުތަކަށް ފޯން ކުރެވޭ ރޭޓުގައި އަވައްޓެރި އިންޑިއާ އަށާއި ބަގްލަދޭޝަށް ގުޅޭ އައިޑީޑީ ޕްރޮމޯޝަނެއް ވަތަނިއްޔާ އިން ފުރަތަމަ ފަހަރަށް ފަށައިފި އެވެ.
ވަތަނިއްޔާ އިން ބުނި ގޮތުގައި މިއަދުން ފެށިގެން މިމަހުގެ 29ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި އިންޑިއާ އަދި ބަގްލަދޭޝް އަށް ޗާޖް ކުރާނީ މިނެޓަކަށް އެންމެ 99 ލާރީގެ ރޭޓުން ކަމަށާއި ޕްރޮމޯޝަންގައި އަވައްޓެރި ކޮޅުބަށް ގުޅުމަށް ޗާޖްކުރާނީ 1.99 ލާރިކަމަށެވެ.
ވަތަނިއްޔާގެ ކޮމާޝަލް ޑިރެކްޓަރު މުހައްމަދު ރިފާއު އިބްރާހިމް ވިދާޅުވީ ވަތަނިއްޔާ އިން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ގޮތަށް އަގު ހެޔޮ ހިދުމަތެއް ދިނުމަށް ކަމަށެވެ.
"މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީހުގައި ލޯކަލް ކޯލް ރޭޓްގައި ބޭރަށް ގުޅާލެވޭ ފަހަރު. އަޅުނގަޑުމެން އަބަދު ވެސް ވިސްނަނީ ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް. ވީހާ ވެސް ހެޔޮ އަގެއްގައި ހިދުމަތް ދިނުމަށް. އަޅުނގަޑުމެން އުއްމީދުކުރަނީ މި ފުރުސަތުގެ ބޭނުން ވަރަށް ގިނަ ކަސްޓަމަރުން ކުރާނެ ކަމަށް،" އޭނާ ބުންޏެވެ.
ރާއްޖޭގައި މުއާސަލާތު ކުރުމުގެ ހިދުމަތް ދެމުން އަންނަތާ ހަތް އަހަރުވެފައިވާ ވަތަނިއްޔާ އިން އަންނަނީ 250،000 ރުފިޔާގެ އަގު ހުރި ކްރެޑިޓާއި ހިލޭ މެގަބައިޓް އިނާމަކަށް ލިބޭ ޕްރިޕެއިޑް ޑަބަލް ބޮނާންޒާގެ ނަމުގައި ޕްރޮމޯޝަނެއް މިހާރުވެސް ހިންގަމުން ނެވެ.