މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް އިންތިހާބުކޮށްފި އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރަން މިއަދު ކައުންސިލްގައި ނެގި ވޯޓު ނަރީޝް ކާމިޔާބުކުރީ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރާ ވާދަކޮށެވެ. ނަރީޝް އަށް 12 ވޯޓު ލިބުނު އިރު ޒަމީރަށް ލިބުނީ ހަތް ވޯޓެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ނަރީޝް އަށް މަރުހަބާ ދަންނަވައިފަ އެވެ.

ނަރީޝް އަކީ ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަމުގެ މަގާމުގައި ހުންނެވި ފަރާތެކެވެ. މީގެ ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕަބްލިކް ރިލޭޝަންސް އެންޑް އިވެންޓް މެނޭޖަރު ކަމުގެ މަގާމު އަދާކުރެވި އެވެ.

ނަރީޝް ވަނީ 2006 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް އޭނާ ވަނީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރައްވައިފަ އެވެ.

ނަރީޝް ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވައިފަ އެވެ.