ބެއިޖިން (މޭ 21) : ޗައިނާގެ އާބާދީގައި ހިމެނޭ 1.4 ބިލިޔަން މީހުންގެ ތެރެއިން ބިލިޔަނަށްވުރެ ގިނަމީހުންނަށް ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ދީފިއެވެ.

ރޮއިޓާސް ބުނާގޮތުން ދުނިޔޭގައި ކޮވިޑް ވެކްސިން ދިނުމުގެ އެންމެ ކާމިޔާބު އަދި އެންމެ ހަލުވި މަޝްރޫއު ކުރިޔަށްގެންދަނީ ޗައިނާ ސަރުކާރުންނެވެ. ޗައިނާގައި ގާތްގަނޑަކަށް 500 މިލިޔަން މީހުންނަށް ވެކްސިން ޖަހާފައިވަނީ ދޮޅުމަސް ތެރޭގައެވެ. ޗައިނާ ސަރުކާރުގެ އަމާޒަކީ އަންނަ ޖުލައި މަސް ނިމޭއިރު ޗައިނާގެ ވެކްސިން ދޭ އުމުރުގެ އެންމެހާ ރައްޔިތުންނަށް ވެކްސިން ގެ ފުރަތަމަ ޑޯޒު ދިނުމާއި މި ޖޫން މަސް ނިމުމުގެ ކުރިން އެ ޤައުމުގެ އާބާދީގެ 40 އިންސައްތަ މީހުންނަށް ވެކްސިން ގެ ދެވަނަ ޑޯޒު ދިނުމެވެ.

ޗައިނާގައި އާންމުންނަށް ވެކްސިން ދޭ މަރުކަޒެއް

ޗައިނާއިން ތިން ބާވަތެއްގެ ވެކްސިން އުފައްދައި ބޭނުން ކުރަން ފައިވާއިރު އެންމެ ގިނައިން އުފައްދަނީ "ސީނޯފާމް" ވެކްސިންނެވެ. ޗައިނާގެ ގިނަބައެއްގެ ގަޔަށް ޖަހާފައިވަނީވެސް "ސީނޯފާމް" ވެކްސިންއެވެ.

ޗައިނާގެ ވެސް ބައެއް ސަރަހައްދުތަކުގައި ވެކްސިން ޖެހުމަށް ދެކޮޅުހަދާ މީހުން ގިނަ އެވެ. އަދި ފާޅުގައި ވެކްސިންޖަހަން ދެކޮޅު ނުހެދިނަމަވެސް ވެކްސިންގެ ސައިޑް އިފެކްޓްސްތަކާ ގުޅިގެން ވެކްސިން ޖެހުމަށް ޖެހިލުންވާ އާންމުންވެސް ވަރަށް ގިނަ އެވެ. ވެކްސިން ޖެހުމަށް ފަސްޖެހޭ މީހުންނަށާއި ވެކްސިން ޖެހުމަށް މީހުންނަށް ހިއްވަރު ދިނުމުގެ ގޮތުން ޗައިނާ ސަރުކާރުން ގެންދަނީ އާންމުންނަށް އިންޓެންސިވް ދިނުމުގެ ހަރަކާތްތަކެއް ވެސް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. މިގޮތުން ވެކްސިން ޖަހާ މީހުންނަށް ހިލޭ ތަކެތި ލިބޭ ކޫޕަން ދިނުންފަދަ ހަރަކާތްތައް ޗައިނާގައި ގެންދަނީ ފުޅާދާއިރައެއްގައި ހިންގަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި މިހާތަނަށް ގާތްގަނޑަކަށް 2.8 ބިލިޔަން މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާ އިރު އޭގެތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓް ވެކްސިން ޑޯޒު ދީފައިވަނީ ޗައިނާގެ ރައްޔިތުންނަށެވެ.