އައްޑޫ ސިޓީން: އަހުމަދު ނާއިފް

އެމްޑީޕީން މި މަހުގެ އަށް ވަނަ ދުވަހު މި ސިޓީގައި ބޭއްވި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ގިނަ އިމާރާތްތަކެއްގައި ހުޅު ޖެހި ހާދިސާއަށް ފަހު ސިޓީ ކައުންސިލްގެ އެއްވެސް ކައުންސިލަރަކު އޮފީހަކަށް ވަޑައެއް ނުގަންނަވަ އެވެ.

ސިޓީ ކައުންސިލުން ވާހަކަ ދެއްކެވި އޮފިޝަލަކު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އޮފީހަށް ވަޑައިނުގަންނަވަނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށާއި ދެން ތިއްބެވި ކައުންސިލަރުން ވެސް އެކި ސަބަބުތަކާ ހުރެ އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލަރުން އޮފީހަށް ވަޑާއިނުގަންނަވާތީ ކައުންސިލްގެ ބައެއް މަސައްކަތްތަކަށް ބުރު އަރާފައިވާ ކަމަށެވެ.

"މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެބޭފުޅުން [ކައުންސިލަރުން] އޮފީހަށް ވަޑައެއް ނުގަންނަވާ،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުޖަހައި މި ސިޓީގެ ކޯޓުތަކާއި ޕޮލިސް ސްޓޭޝަންތައް އެންދި މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ފުލުހުން ވަނީ ހައްޔަރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް އެ މީހުން މިހާރުތިބީ ގޭބަންދަށް ދޫކޮށްފަ އެވެ.

ފުލުހުން ރޭ ވަނީ ސޯބެއާ ސުވާލުކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ ސޯބެ އާ ސުވާލުކުރީ "އޭނާ ފުލުހަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން" ކަމަށެވެ. ސޯބެ ގައިގާ މިރަށު ބަޔަކު ތަޅައިގަނެ މާރާމާރީ ވަނީ ހިންގައިފަ އެވެ.

ކައުންސިލަރުން އޮފީހަށް ވަޑައިނުގަންނަވާ މައްސަލައިގައި ސޯބެގެ ކޮމެންޓެއް މިއަދު ލިބޭގޮތެއް ނުވި އެވެ.