އިސްލާމް އާބާދު (މޭ 21) : ޕާކިސްތާނުގެ އެއްވެސް ސަރަހައްދެއް އަސްކަރީ ގޮތުން ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ނުދޭނެ ކަމަށާއި އެމެރިކާއަށް އަސްކަރީ އެއްބާރުލުން ވެސް ދެން ނުދޭނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރަންޚާން ފާޅުގައި ވިދާޅުވެއްޖެ އެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ފަހު އަފްޣާނިސްތާނުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ހަރަކާތްތެރިވެއްޖެ ހިނދެއްގައި އެޖަމާއަތްތަކަށް ހަމަލާދިނުމަށް ޕާކިސްތާނުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރަން އެމެރިކާ ބޭނުންވެދާނެކަމަށް އެމެރިކާގެ ޓީވީ ނެޓާވާކެއް ކަމަށްވާ އެޗްބީއޯގެ ޕްރެޒެންޓަރު ޖޮނަތަން ސުވާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާންޚާން ވިދާޅުވީ އެފުރުސަތު އެއްގޮތަކަށް ވެސް ދެން އެމެރިކާއަށް ނުދެއްވާނެ ކަމުގައެވެ. މިއީ އެމެރިކާގެ އަސްކަރީ އެއްވެސް ހަރަކާތަކަށް ޕާކިސްތާނުން ދެން އެއްވެސް ވަރަކަށް ޖާގަ ނުދެއްވާނެކަން ޕާކިސްތާނުގެ އެންމެ އިސްވެރިޔާ ގެ ހައިޘިއްޔަތުން އެގައުމުގެ ބޮޑުވަޒީރަކު ފާޅުކަން ބޮޑުގޮތެއްގައި ވިދާޅުވި ފުރަތަމަ ފަހަރެވެ.

އަލްގާއިދާ، ތާލިބާނުން، ނުވަތަ އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ މަސްލަހަތަށް ގެއްލުންވާ ހާލަތްތަކުގައި އެޖަމާއަތްތަކާ ދެކޮޅަށް ޕާކިސްތާނުގެ ބިމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދެއްވަފާނެތޯ ތަކުރާރުކޮށް އެމެރިކާގެ ޕްރެޒެންޓަރު ޖޮނަތަން ސުވާން ސުވާލު ކުރެއްވުމުން ވެސް އިމްރާންޚާން ވިދާޅުވީ އެހުއްދަ އެއްގޮތަކަށް ވެސް އެމެރިކާއަށް ދެން ނުދެއްވާނެކަމުގައެވެ. އަދި އެމެރިކާއަށް ޕާކިސްތާނުގެ އެއްވެސް ސަރަހައްދެއް އަސްކަރީގޮތުން ބޭނުން ނުކުރެވެނެކަން ކަށަވަރުކޮށް ދެއްވާކަމަށާ އެމެރިކާއަށް އަސްކަރީ އެއްބާރުލުން ދިނުމަށް ޕާކިސްތާނުން ކުރިން ގެންގުޅުނު ސިޔާސަތު މިހާރު ބަދަލުވެފައިވާ ކަމަށް އިމްރާންޚާން ވިދާޅުވި އެވެ.

އެމެރިކާ، ތާލިބާނުން ބަލިކުރުމަށް ނުކުޅެދިންގެން މިހާރު އަފްޣާނިސްތާނުން ފައިބަމުންގެންދާއިރު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ ތާލިބާނުންނާއި އަދި އެޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އަލްގާއިދާ ފަދަ ޖަމާއަތްތަކުގެ ހަނގުރާމަވެރިންނަށް ފާރަލުމަށްޓަކައި އަފްޣާނިސްތާނާ އަވަށްޓެރި ބައެއް ގައުމުތަކުގައި އަސްކަރީ މަރުކަޒުތައް ހަދަން ބޭނުންވާކަން ހާމަކޮށްފައެވެ. ނަމަވެސް ޕާކިސްތާނުގެ ނަން ޕެންޓަގަން އިން ހާމަކޮށްފައެއް ނުވެއެވެ. މިކަމާބެހޭގޮތުން ޕާކިސްތާނާ މަޝްވަރާ ކުރުމަށްޓަކައި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާގެ ވެރިޔާ ވިލިއަމް ބާންސް ދާދިފަހުން ޕާކިސްތާނަށް ޒިޔާރަތް ކުރެއްވި ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސް ބުނެފައިވެއެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖެކް ސުލިވާންވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު އަފްޣާނިސްތާނުގެ އެތެރެއިން އެމެރިކާއަށާއި އެމެރިކާގެ މަސްލަހަތުތަކަށް ޓެރަރިސްޓް ހަމަލާއެއް އަމާޒުވެދާފަދަ މަރުކަޒަކަށް އަފްޣާނިސްތާނު ވިޔަނުދިނުމާ ގުޅޭގޮތުން ޕާކިސްތާނާ މަޝްވަރާ ތަކެއް ކުރެއްވި ކަމަށް ދާދިފަހުން ވިދާޅުވެފައެވެ.

ދާދިފަހުން ޕާކިސްތާނުގެ ސެނެޓްގައި ވާހަކަ ދައްކަވަމުން އެގައުމުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ވަނީ، އެމެރިކާއާއެކު ކުރިން ޕާކިސްތާން ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތަކުގެ މުއްދަތު ހަމަވެފައިވާކަމާއި އައު އަސްކަރީ އެއްބަސްވުމެއް ޕާކިސްތާނުން ދެން އެމެރިކާއާއެކު ގާއިމް ނުކުރާނެ ކަމަށް ފާޅުގައި ވިދާޅުވެފައެވެ. ޚާއްސަކޮށް ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި ޕާކިސްތާނުގެ ފަސްގަނޑުގައި އެމެރިކާގެ އަސްކަރީ އެއްވެސް ވުޖޫދެއް ނުބޭއްވުމަށް ނިންމާފައިވާ ކަމަށާ މާޒީ ގައި އެމެރިކާއަށް އަސްކަރީ ގޮތުން އެއްބާރުލުން ދިންކަމަށް ވިޔަސް ޕާކިސްތާނުން ދެން އެފަދަކަމެއް ނުކުރާނެކަމަށް ގުރައިޝީ ވަނީ ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އެމެރިކާގެ އަސްކަރީ ޑްރޯނަކަށްވެސް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ދެން ބޭނުން ނުކުރެވޭނެކަމާއި އެމެރިކާއާ އަސްކަރީ ގޮތުން ގާތްވުމަށާއި އެމެރިކާއަށް އަސްކަރީ އެއްބާރުލުން ދިނުމަށް ޕަކިސްތާނުން ކުރިން ގެންގުޅުނު ސިޔާސަތު މިހާރު މުޅިން ބަދަލުކޮށްފައިވާކަން ގުރައިޝީ ވަނީ ޕާކިސްތާނުގެ ސެނެޓަރުންނަށް ޔަގީންކޮށް ދެއްވާފައެވެ.