15 Feb 2012, 13:06
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ މި ވެރިކަން މާގިނަ ދުވަހަކު ދެމި ނޯންނާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފުލުހުންދިން އަނިޔާތަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯދަވަމުން ގެންދަވާ މޫސަ އެމްޑީޕީގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ "ވެރިކަން ފޭރި ގަނެގެން" ތިބި މީހުންނަށް ވެރިކަމުގައި ތިބުމުގެ ފުރުސަތު މިހާރުގެ ސަރުކާރަށް ދީފި ނަމަ، އެކަން ސަގާފަތަކަށް ވެގެން ހިނގައިދާނޭ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ގަދަކަމުން ރާއްޖޭގެ ވެރިކަން ހައިޖެކްކޮށްފައިވާ ފަރާތްތަކަކީ ޑިމޮކްރަސީގެ އަދުއްވުން ކަމަށާއި ސަރުކާރުން ރާއްޖެ އިން ޑިމޮކްރަސީ ނައްތާލައި ކުރީގެ ހުދުމުހުތާރު ވެރިކަމުގެ ސިފަ އިޔާދަކުރުމަށް މަސައްކަތްކުރާނޭ ކަމަށެވެ.
މޫސަ ވިދާޅުވީ މި ދަނޑިވަޅުގައި އެމްޑީޕީގެ މެންބަރުން ކެތްތެރިކަމާ އެކު ސާބިތުކަންމަތީ ދެމިތިބުމަށާއި ޑިމޮކްރަސީ އާއި ނުލައި އެންމެ ދުވަހެއް ވެސް ވޭތުވެގެން ދިއުމަކީ ރާއްޖެ ފުންވަޅުގަނޑަކަށް ވެއްޓިގެން ހިނގައިދާނޭ ކަމަށެވެ.
ވީހާ ވެސް އަވަހަށް އިންތިހާބަކަށް ދިއުމަށް ގޮވާލައްވަމުން މޫސަ ވިދާޅުވީ މިހާރު އިންތިހާބެއް ބޭއްވިޔަސް އެމްޑީޕީން ފުރިހަމަ އަޣްލަބިއްޔަތަކާ އެކު އަލުން އަނބުރާ ވެރިކަމަށް އަންނާނޭ ކަމަށެވެ.
“ސަރުކާރު ބަދަލުކޮށްލުމާ ގުޅިގެން މަދު މީހަކު ފިޔަވައި އުފާފާޅުކޮށްފައެއް ނުވޭ. ވަކި ސިޔާސީ ފިކުރަކަށް ތަބާނުވާ އެންމެންހެން މިއަދު އެދަނީ ބަޣާވާތަށް ތާޢީދުނުކުރާ ކަމަށް ބުނެ އެމްޑީޕީއާ ގުޅެމުން. އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުގެ ތެރެއިން ވެސް މެދުމިނުގެ ސިޔާސަތު ގެންގުޅޭ ކިތަންމެ ބައެއްގެ ހަމްދަރުދީއާ ހެޔޮއެދުންތައް ވެސް މިހާރު އެމްޑީޕީއަށް ލިބެމުން ދަނީ. އެކަން ވަރަށް ރަނގަޅަށް އިނގޭނެ އެމްޑީޕީން ބާއްވާ ހިނގާލުންތަކުން،” މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑރ. ވަހީދުގެ ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށާއި އެމްޑީޕީގެ އެއްވެސް މެންބަރަކު މި ސަރުކާރަށް ވާގިވެރިވެދީފި ނަމަ، އެމީހަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ބަލައި ނުގަނެވޭނޭ ކަމަށެވެ.
“އެމްޑީޕީގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާޢީދުކުރުންމަތީ ދެމިހުރުމަކީ މި ޕާޓީގެ ކޮންމެ މެންބަރެއްގެ މައްޗަށް ވެސް ޕާޓީގެ އަސާސީ ގަވައިދު ލާޒިމްކުރާކަމެއް. ބާޣީ ސަރުކާރަށް އެއްވެސް ގޮތަކުން އެއްބާރުލުން ނުދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެވަނީ ނިންމާފައި. އެހެން ކަމުން އެމްޑީޕީގެ އެއްވެސް މެންބަރަކު ބާޣީ ސަރުކާރަށް އެއްބާރުލުން ދިނުމަކީ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ކުރެވޭ ކަމެއް.” މޫސަ ވިދާޅުވި އެވެ.