ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަސައްކަތް ހަރުދަނާކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާއެވެ.

އެ މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ހަރަކާތްތަކަށް މަސައްކަތު ބައްދަލުވުމުގެ ބައިވެރިން އަހުލުވެރިކޮށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ވެށި ރައްކާތެރިކުރުމަށް މަގުފަހި ކުރުވުމާއި މިފަދަ ސަރަހައްދުތައް ހިންގާ ބަލަހައްޓާ ފަރާތްތަކުން އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ކަންކަމުގައާއި އެ ސަރަހައްދު ބެލެހެއްޓުމުގައި އިސްކަން ދޭންވީ ކަންކަމާއި ނިންމާ ނިންމުންތަކުގައި ދެމެހެއްޓެނިވި ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތަކާއި މިންގަނޑުތަކަށް ގާއިމުކުރުމަށް މަގުފަހި ކުރުވުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުންޏެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ހުރިހާ ރީތިކަމެއް ލިބިފައިވާ، ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެއް ކަމަށާއި، ހިމާޔަތްކުރެވޭ ތަންތަނުގެ ތެރޭގައި، މަޝްހޫރު ޑައިވް ސައިޓްތަކާއި، ކުޅި، ފާ، ޗަސްބިންތަކާއި ކަނޑޫފާ އަދި ޝިޕްރެކްތަކާއި ފިނޮޅުތައް ހިމެނޭކަމަށެވެ. އަދި ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭ އާއި އަރިއަތޮޅުގައި ހުންނަ ސައުތް އަރި މެރިން ޕާކަކީ އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަގުބޫލު ތަންތަން ކަމަށާއި ހިމާޔަތްކޮށްފައިވާ ބައެއް ތަންތަނުގައި ވިޒިޓާ ސެންޓަރުތަކާއި އެ ޕާކުތައް މެނޭޖުކުރަން ހާއްސަ މުވައްޒަފުން ތިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ހިމާޔަތްކޮށްފައިވާ 73 ސަރަހައްދާއި ކުރިއަށްއޮތްތަނުގައި ހިމާޔަތްކުރެވިގެންދާނެ ސަރަހައްދުތައް މެނޭޖުކުރަން ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝައުނާ ވިދާޅުވީ ބ. އަތޮޅާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ އަކީ ތަނެއް ހިމާޔަތްކުރެވި، އަދި މެނޭޖްކޮށް އަދި އޭގެއިން އިގްތިސާދީ ގޮތުން ފައިދާ ލިބޭނެކަން ދައްކުވައިދޭ ތަންތަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2025 އަންނަން ވާއިރަށް ކޮންމެ އަތޮޅެއްގެ ފަރުތަކުގެ 10 އިންސައްތައާއި، ކަނޑޫ، ފާ ޗަސްބިންތަކުގެ 20 އިންސައްތަ އަދި ކޮންމެ އަތޮޅަކުން ފިނޮޅަކާއި މީހުން ދިރިނޫޅޭ އެއް ރަށް ހިމާޔަތްކުރުމަށް ސްޓްރޭޓެޖިކް އެކްޝަން ޕްލޭން ގައި ހިމަނާފައިވާނެ ކަމަށެވެ. އަދި ހިމާޔަތްކުރެވޭ ތަންތަނަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ގުދުރަތީގޮތުން މުއްސަނދި ތަންތަން ކަމަށާއި މިތަންތަން ރައްކާތެރިކޮށް ބަލަހައްޓާ ދެން އަންނަން އޮތް ޖީލަށްވެސް މިތަންތަން ފޯރުކޮށްދޭން ޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހިމާޔަތްކުރެވިފައިވާ ތަންތަނަކީ އެ ތަންތަނުގައި އުޅޭ ރައްޔިތުންނަށް އިގްތިސާދީ މަންފާ ލިބޭނެ ތަންތަން ކަމުގައި ހެދުމަށްޓަކައި، އީކޯ ޓޫރިޒަމް ފެސިލިޓީތަކާއި، ގައިޑްލަންތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކައުންސިލްތަކާއި ހިމާޔަތްކުރެވިފައިވާ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކުންނާއި ޖަމްއިއްޔާތަކުން 40 އަށްވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.