ކޮވިޑް19 އިން ރައްކާތެރިވުމަށް އެސްޓްރަޒެނެކާ އިން އުފައްދާފައިވާ ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން ބުނީ އެސްޓްރަޒެނެކާ އިން އުފައްދާފައިވާ ކޮވިޑް19 ވެކްސިން އެސްޓްރާޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.

އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަންގައި ދީފައިވާ ކަމަށެވެ. އެ ވެކްސިނަށް މިއަދު ހުއްދަ ދިނީ އުމުރުން 18 އަހަރުން މައްޗަށެވެ.

މިއީ މި ހާލަތުގައި ބޭނުންކުރުމަށް ރާއްޖޭގައި ހުއްދަ ދިން ހަތްވަނަ ވެކްސިނެވެ.

މިހާރު ރާއްޖޭގައި ހުއްދަ ދީފައިވާ ވެކްސިންގެ ތެރޭގައި ކޮވިޝީލްޑް ވެކްސިނާއި، ސައިނޯފާމް ވެކްސިންގެ އިތުރުން މޮޑާނާ، ފައިޒާ، ސްޕަޓްނިކް އަދި ޖޯންސަންގެ ވެކްސިން ހިމެނެ އެވެ.

ވެކްސިން އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފައި ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެ ވެކްސިން ބަހައްޓަން ޖެހެނީ އަށް ޑިގްރީ އާއި ދެ ޑިގްރީ އާއި ދެމެދުގެ ފިނިހޫނުމިނުގައެވެ.

އެސްޓްރަޒެނެކާ ވެކްސިނަކީ މިހާރުވެސް 115 ގައުމެއްގައު ބޭނުންކުރަމުންދާ ވެކްސިނެކެވެ.

އެ ވެކްސިނުގެ 700،000 ޑޯޒް ގަތުމަށް ސަރުކާރުން ވަނީ ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުންޏާއެކު އެއްބަސްވެފަ އެވެ. އެސްޓްރާޒެނަކާގެ ފަސްލައްކަ ޑޯޒް ވެކްސިން އަންނަ މަހު ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.