15 Feb 2012, 13:00
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރިޕިއަން ޔޫނިއަންގެ ގައުމުތަކުގެ ސަފީރުންނާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު ހެނދުނު 10:00 "މޫކައި" ހޮޓަލްގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އަރިހުގައި ކުރީގެ ބައެއް މިނިސްޓަރުން ބައިވެރިވަޑައިގެންނެވި އެވެ.
މި ބައްދަލުވުމަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މައްޗަން ގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އަވަސް ގޮތެއްގައި އިންތިހާބެއް ބޭއްވުމާ ގުޅޭ ގޮތުން އީޔޫގެ ބޭފުންނާ އެކު މަޝްވަރާ ކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެނަށް އެމީހުން ބުނާ އަޑު އިވޭ ހުރިހާ ފަރާތަކުން ވެސް އަވަހަށް އިލެކްޝަން ބޭއްވުމަށް ބޭފުޅުން ބޭނުންވާ ކަމަށް. އަޅުގަނޑުމެނަށް ފެންނަނީ އިލެކްޝަނެއް ބާއްވަން ބުނެގެން ނޫނީ ފުލުހުން މިކުރާ އަނިޔާއާއި ކަންކަން ހުއްޓިގެން ނުދާނެ ކަމަށް." މާރިޔާ ވިދާޅުވި އެވެ.
އަދި 2013 ކުރިން އިންތިހާބު ބޭއްވި ދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް އެބަ ފެނޭ އިލެކްޝަނެއް ކުރިއަށް އޮތް ތާ އަންނަ ތަން ވަރަށް އަވަހަށް. އަޅުގަނޑުމެން މަސައްކަތް ކުރާނީ އެގޮތަށް." އެނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އެމްޑީޕީ މެންބަރުނަށް ލިބިގެން ދިޔަ އަނިޔާތަކާއި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުން ހައްޔަރު ކުރި މައްސަލަތައް އީޔޫ އާ ހިއްސާ ކުރައްވާފައިވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ހުރިހާ ވާހަކައެއް ވެސް ވަރަށް ފުންކޮން އަޅުގަނޑުމެން އެ ބޭފުޅުންނާ ދެއްކިން. އެމީހުން ވަރަށް ސިމްޕަތިޓިކް ]ހަމްދަރުދީވި[ އަޅުގަނޑުމެންނާ. އެމީހުން ތިބީ އަޅުގަނޑުމެންނާ އެކީ. ދިވެހި ރައްޔިތުންނާ އެކި ހަގީގަތުގައި."
ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ހަސަން މަނިކު ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ އިޔޫއާ ބައްދަލު ކުރައްވާފަ އެވެ.