މިދިޔަ މަހު އިމާރާތުން ވެއްޓެނު ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިދިޔަ ހުޅުމާލޭ އިމާރާތަކުން ވެއްޓި އުމުރުން 22 އަހަރުގެ މީހަކަށް ހާލު ވަރަށް ބޮޑަށް ސީރިއަސްވި އެވެ. އޭގެ މ. އެންދެރިކުރި ގޭގެ ފަސް ވަނަ ފަންގިފިލާއިން އުމުރުން 33 އަހަރުގެ މީހަކު ވެއްޓި ހާލު ސީރިއަސްވި އެވެ.

އެ ދެ މީހުންގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އައިޖީއެމްޗްގެ މީޑިއާ އޮފިޝަލް ރޭ "ސަން"އަށް ވިދާޅުވީ, އެ ދެމީހުންވެސް އައިސީޔޫއިން މިހާރު ނަގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ, އުމުރުން 22 އަހަރުގެ މީހާ މިހާރު އަމިއްލަ ކޮޓަރިއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އުމުރުން 33 އަހަރުގެ މީހާ މިހާރު އޮތީ ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ)ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އުމުރުން 22 އަހަރުގެ މީހާ ފުރަތަމަ ވެއްޓުނީ, ހުޅުމާލޭ ނިރޮޅުމަގު ދިއްދޫ ހޮޓާ ކައިރީގައި ހުންނަ ހަ ބުރީގެ އިމާރާތުގެ ފަސް ވަނަ ފަންގިފިލާއިން, އެ އިމާރާތުގެ ބިއްދޮށުގައި ހުރި ގެސްޓު ހައުސް, ޓެރަސްގެ ގެގަނޑުމައްޗަށެވެ. ތިން ފަންގިފިލާއަށް އިމާރާތްކޮށްފައި އެ ގެސްޓު ހައުސްގެ ޓެރަސްއިން ދެން އޭނާ ވެއްޓުނީ, ނިރޮޅު މަގު ހަ ނަންބަރު ގޯޅިގަނޑަށެވެ. އޭނާ ވެއްޓުނު ޓެރަސްއަށާއި ގޯޅިގަނޑަށް ގިނަ ލޭތަކެއްވެސް ހުރި އެވެ.

އުމުރުން 33 އަހަރުގެ މިހާ ވެއްޓުނު އެންދެރިކުރި ގެއަކީ, ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެއާ އިންވެގެން ހުންނަ ގެއެވެ. އޭނާ ވެއްޓުނު ސަރަހައްދުގައިވެސް ކޮންވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން މާ ބޮޑު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ހުޅުމާލޭ ހާދިސާއާ ގުޅޭ ގޮތުން , ހާދިސާ ހިނގުމުގެ 10 މިނިޓް ކުރިން އެ ޒުވާނާ އެކަނި ހަ ބުރީގެ އިމާރާތައް އަރާ މަންޒަރު ސީސީޓީވީން ފެންނަ ކަމަށެވެ. އަދި އޭނާ ވެއްޓުމުގައި އެއްވެސް އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން, އެ އިމާރާތަށް ވަނުމުގެ ކުރިން ހުުޅުމާލެ މަގުމަތުގައި އެ ޒުވާނާ އަޑު ގަދަކޮށް ދުވެ ހެދި ކަމަށްވެސް ފުލުހުން ބުންޏެވެ.