އެމްޓީސީސީގެ 2020 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި އެ ޖަލްސާގައި 2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާއަށް، މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ތިން ރުފިޔާ ބަހަން އެމްޓީސީސީން ވަނީ ފާސްކޮށްފަ އެވެ.

މިދިޔަ 2020 ވަނަ އަހަރު އެމްޓީސީސީ ގްރޫޕުން 1.38 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް މިދިޔަ އަހަރު 190.69 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2019 ވަނަ އަހަރު ލިބުނު ސާފު ފައިދާއަށްވުރެ 258 ޕަސެންޓު އިތުރު އަދަދެކެވެ.

އެ ޖަލްސާގައި ކުރިއަށް އޮތް އަހަރު އެމްޓީސީސީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް (ޕީޑަބްލިއުސީ) ކަނޑައަޅަން ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން އެމްޓީސީސީގެ ބޯޑަށް އާ ޑިރެކްޓަރުން ވެސް މިއަދުގެ ޖަލްސާގައި ވަނީ އައްޔަންކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ޗެއާޕާސަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، ސީއޯއޯ ޝާހިދު ހުސައިން މޫސާ އަދި ނޮން އެގްޒެކެޓިވް ޑިރެކްޓަރު ސިނާން އަލީ އާއި އަލްއުސްތާޒް މުހައްމަދު ފަރީދު އެވެ.

އާންމު ހިއްސާދާރުން ތަމްސީލުކުރަން ބޯޑަށް އިންތިހާބުކޮށްފައިވަނީ މުހައްމަދު އިމްރާން އަދުނާް (މ. މެއިން، މާލެ) އާއި ނަސްރަތު މުހައްމަދު (ހެޕީނައިޓް، ގއ. ވިލިނގިލި) އެވެ.