ބްރެޒީލިއާ (ޖޫން 20): ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 500،000 ވުރެ އިތުރުވެއްޖެ އެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެގައުމުން މިހާތަނަށް 17،883،750 މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 500،800 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމަކީ ދުނިޔެއިން ކޮވިޑްގެ ކޭސްތައް ތިން ވަނައަށް އެންމެ ގިނަ އަދި މަރުތައް ދެވަނައަށް އެންމެ ގިނަ ގައުމެވެ.

މިދިޔަ ހަފްތާ ތެރޭގައި ބްރެޒިލްއިން ކޮންމެ ދުވަހަކު އެވަރެޖުކޮށް ކޮވިޑްގެ 70،000 ކޭސް ފެނިފައިވާ އިރު ދުވާލަކަށް 2،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި ގިނަ ސްޓޭޓުތަކުގެ އައިސީޔޫތަކުގައި 80 ޕަސެންޓު އެނދުތައް މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

ބްރެޒިލްގެ ހެލްތު ރެގިއުލޭޓަރީ އޭޖެންސީގެ ކުރީގެ ވެރިޔާ ގޮންޒާލޯ ވެސިނާ ވިދާޅުވި ގޮތުގައި އެގައުމުގައި ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދާ ގޮތް ލަސްކަމުން ކޮވިޑާ ގުޅުން ހުރި މަރުތައް އަދިވެސް އިތުރުވަމުން ދާނެ އެވެ. އެގައުމުން މިހާތަނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ވަނީ އާބާދީގެ އެންމެ 15 ޕަސެންޓު މީހުންނެވެ.

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ކޮވިޑް ބަލިމަޑުކަމާ ކުރިމަތިލެއްވި ގޮތަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި ސަރުކާރާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކުރަމުންދާ އިރު، އެގައުމުގެ ކޮންގްރެސްއިން ދަނީ ބޮލްސޮނާރޯ ކޮވިޑާ ގުޅިގެން އަމަލު ކުރެއްވި ގޮތް ތަހުގީގު ކުރަމުންނެވެ.

ބޮލްސޮނާރޯ ވަނީ ކޮވިޑަކީ އާދައިގެ ބައްޔެއް ކަމަށް ވިދާޅުވެ، ބަލި ކޮންޓްރޯލް ކުރުމަށް ގައުމުގެ ބޯޑަރުތަކާއި ސްޓޭޓުތައް ފުރަބަންދު ކުރަން ދެކޮޅު ހައްދަވާފަ އެވެ. އަދި ވެކްސިން ޖެހުމާއި މާސްކު އެޅުން ފަދަ ފިޔަވަޅުތަކާ ބެހޭ ގޮތުން ސުވާލު އުފައްދަވާފަ އެވެ.