15 Feb 2012, 12:53
އިއްޔެ ތ. ތިމަރަފުށިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް، ވ. ފުއްސަރު ކައިރިން ބޯޓެއްގައި ޖެހި އަޑިއަށް ދިޔަ، ތިމަރަފުށީ "އާރާސްތު" ބޯޓަށް އެހީވުމަށް ދިޔަ ދޯނީގެ އިންޖީނުގެ ބެޓެރީއެއް ގޮވައި އެ ދޯނީގެ މީހެއްގެ ލޯ ޒަހަމުވެއްޖެ އެވެ.
ތިމަރަފުށީ ކައުންސިލްގެ ރައީސް ޖައުފަރު ރަޝީދު މިއަދު ވިދާޅުވީ ބެޓެރީ ގޮވުމުގެ ހާދިސާގައި ލޮލަށް ޒަހަމްތަކެއް ލިބިފައި ވަނީ ތިމަރަފުށީ 'ޝާކް' ނަމަކަށް ކިޔާ ބޯޓުގެ ކެޔޮޅަކަށް ހުރި ތިމަރަފުށީ ކާރުނޭޝަންމާގޭ މުހައްމަދު މަނިކަށް ކަމަށެވެ. އަދި އޭނާ ކޯސްޓްގާޑުގެ އެހީގައި މާލެ ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މަނިކުގެ ލޯ ޒަހަމްވެފައި ވަނީ އިއްޔެ އަޑިޔަށް ދިޔަ ތ. ތިމަރަފުށީ "އާރާސްތު" ބޯޓަށް އެހީވުމަށް ފީފާ އާއި ޕަމްޕާއި ތަކެތި ހިފައިގެން ދިޔަ ޝާކް ދޯނީގެ ޕަންޕަށް ދިމާވި މައްސަލަ ހައްލުކުރުމަށް އިންޖީނު ރޫމަށް މަނިކު ފައިބައިގެން އުޅެނިކޮށް ކަމަށެވެ.
"ޝާކް ދޯނި މިކޮޅުން ނައްޓާލީ އާރާސްތު ބޯޓު ހިއްކުމަށް ފީފާ އާއި މީހުންނާ އެއްކޮށް. ނައްޓާލިތަނާ ދޯނީގެ ދިޔަ ނުހިއްކޭތީ މަނިކު ވަތަށް ފޭބީ. ދެން އޭނާ އަތުގައި އޭރު އޮތް ރެންޗު ބޭއްވުނީ އިންޖީނު މަތީގައި. ދެން އެކަމުގެ ސަބަބުން އިންޖީނު ޝޯޓްވެގެން ފަޅައިގެން ގޮސް އޭގައި ހުރި ފެނާއި އެސިޑްތައް މޫނަށް އައީ،" ހާދިސާ ހިނގި ތަނުގައި ހުރި މީހަކާ ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ޖައުފަރު ވިދާޅުވީ އާރާސްތު ބޯޓަށް އެހީވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިހާރު "އާރާސްތު" ބޯޓު އޮޔާއި ވަޔާ ދާތީ ކަފުޖަހާފައި ފ. ފީއަލީ ނެރުމައްޗަށް އަރުވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ބެޓެރީ ގޮވުމުގެ ހާދިސާގެ ރިޕޯޓް އެ ފަރާތަށް ލިބިފައި ވަނީ އިއްޔެ މެންދުރު ގާތްގަނޑަކަށް 14:38 ހާއިރު ކަމަށާއި މައުލޫމާތު ލިބުނު ވަގުތުން ކޯސްޓްގާޑުގެ ހާބަރު ކްރާފްޓް 110 ނަންބަރު ލޯންޗް އެ ސަރަހައްދަށް ގޮސް އެމީހާ އިއްޔެ ހަވީރު ގާތްގަނޑަކަށް 16:40 ހާއިރު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.