20 Jun 2021, 09:04
ރާމަﷲ (މޭ 20) : އިސްރާއީލުން ފަލަސްތީނަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި މަކަރާއި ހީލަތް ހަދާފައިވާކަން ފަޅާއެރުމުން އިސްރާއީލުން ވެކްސިން ހޯދުމަށް ވެފައިވާ އެއްބަސްވުން ފަލަސްތީނުން އުވާލައިފި އެވެ.
ފަލަސްތީނުގެ ސަރުކާރުން ބުނީ މި އެއްބަސްވުމުގެ ދަށުން އިސްރާއީލުން މިދިޔަ ހަފްތާގައި ފަލަސްތީނަށް ފޮނުވި ވެކްސިންގެ ޑޯޒުތަކަކީ އޭގެ މުއްދަތު ހަމަވާން ގާތްވެފައިވާ އަދި އެކަށީގެންވާ ފިނި ހޫނުމިނުގައި ނުބެހެއްޓުމުގެ ސަބަބުން އޭގެ ބާރުކެނޑިފައިވާ ވެކްސިންތަކެއް ކަމުގައެވެ. އެހެންކަމުން އެޑޯޒުތައް އަނބުރައި އިސްރާއީލަށް ފޮނުވާލުމަށްފަހު ފަލަސްތީނަށް ވެކްސިން ފޯރުކޮށްދިނުމާބެހޭގޮތުން އިސްރާއީލާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމުގައެވެ.

އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާ
ފަލަސްތީނުގެ ބައެއް މަދަނީ ޖަމްއިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި މުއްދަތު ހަމަވާން ގާތްވެފައިވާ ވެކްސިންތަކެއް އިސްރާއީލުން ފަލަސްތީނަށް ފޮނުވީ ގަސްދުގައެވެ. އެކަންކުރި ފަލަސްތީނުގެ ރައްޔިތުންނަށް ގެއްލުން ދިނުމުގެ ޔަހޫދީ ޝައިތާނީ ރޭވުމުގެ ދަށުންނެވެ. ފަލަސްތީނު ރައްޔިތުން ކޮންމެ ވަސީލަތެއް ބޭނުންކޮށްގެންވެސް މެރުމަކީ އިސްރާއީލުގެ ލަނޑުދަނޑިއެއްކަމާއި ވެކްސިން ނުޖަހައި ތިބެންޖެހުނު ނަމަވެސް އިސްރާއީލުން ވެކްސިން ނުހޯދުމަށް ފަލަސްތީނުގެ މަދަނީ ޖަމްއިއްޔާތަކުންވަނީ ފަލަސްތީނުގެ ސަރުކާރަށް ގޮވާލާފައެވެ.
އިސްރާއީލުގެ މިޖަރީމާ ފަޅާއެރުމުން އިސްރާއީލުގެ ސަރުކާރުން ވަނީ ފަލަސްތީނަށް ފޮނުވީ މުއްދަތު ހަމަވާން ގާތްވެފައިވާ ވެކްސިން ޑޯޒުތަކެއްކަމަށް އެންމެފަހުން އެއްބަސްވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ ސިއްހަތާގުޅޭ ކަމެއްގައި ފަލަސްތީނުގެ މުޅި ރައްޔިތުންނަށް އަމާޒުކޮށްގެން މިވަރުގެ ބޮޑު ޖަރީމާއެއް އިސްރާއީލު ހިންގާފައިވާތީ މިކަމުގައި ޝާމިލްވާ އިސްރާއީލުގެ މަސްއޫލުވެރިންގެ މައްޗަށް ތަހުގީގު ހިންގައި ދައުވާކުރުމަށް ގޮވާލާފައެވެ.
އިސްރާއީލުންވަނީ އެމެރިކާގެ އެހީގައި ކާމިޔާބުކަމާއެކު އެގައުމުގެ ރައްޔިތުންގެ ބޮޑު ޕަސެންޓަކަށް ވެކްސިން ޖަހައިފައެވެ. އިސްރާއީލުން ވެކްސިން ހޯދި ދުވަސްވަރު އިސްރާއީލުގެ ސަރުކާރުން ގެންދިޔައީ ފަލަސްތީނަށް ވެކްސިން ލިބުމަށް ހުރަސްއަޅަމުންނެވެ. މިކަމާގުޅިގެން ބައިނަލްއަގްވާމީ ފަރާތްތަކުން ފާޑުކިޔުން އިސްރާއިލަށް އަމާޒުވާން ފެށުމުން އިސްރާއީލުން ފަލަސްތީނަށް އެންމެފަހުން ފޯރުކޮށްދިނީ މުއްދަތު ހަމަވާން ގާތްވެފައިވާ ވެކްސިންތަކެކެވެ.

އިސްރާއީލުން ހަމަލާދީ ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ކުޑަކުދިން ތަކެއް
ފަލަސްތީނުގެ ހުރިހާ ބިންތަކަކީވެސް އިސްރާއީލުން ވެރިވެގަނެ އިސްތިއުމާރު ކޮށްފައިވާ ބިންތަކެއްކަމަށް ވެފައި އެބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އަޅުވެތި ކަމުގެ ޝިކާރައަކަށް ވެފައިވާ ރައްޔިތަކަށްވާތީ އިސްރާއީލުން ފޯރުކޮށްދޭ ވެކްސިން އެއް ނޫނީ ނުވަތަ އިސްރާއީލުގެ ހުއްދަ ލިބިގެން މެނުވީ ފަލަސްތީނަށް ވެކްސިންވެސް އަދި އެހެން އެއްޗެއްވެސް ލިބޭނެ ގޮތެއް ނޯވެއެވެ.
އިސްރާއީލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ ގާތްގަނޑަކަށް ހަ މިލިޔަން މީހުން ދިރިއުޅޭއިރު އޭގެތެރެއިން 4.5 މިލިޔަން މީހުންނަކީ ކޮވިޑް ވެކްސިން ދޭ އުމުރުގެ މީހުންނެވެ. ފަލަސްތީނުގެ ސަރުކާރު ބުނާގޮތުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދެވިފައިވަނީ ފަލަސްތީނުގެ ގާތްގަނޑަކަށް ހަތް ލައްކަ މީހުންނަށެވެ. ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ ގާތްގަނޑަކަށް ފަސް ލައްކަ މީހުންނެވެ.
ފަލަސްތީނަށް ވެކްސިން ފޯރުކޮށްދީފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ކޮވެކްސް ޕްރޮގްރާމުގެ ދަށުންނާއި ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ.ގެ އުންރުވާ ޖަމާއަތުގެ އެހީގައެވެ. ފަލަސްތީނުގެ ގާތްގަނޑަކަށް 3 ލައްކަ 50 ހާސް މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން 3813 މީހުން ވަނީ މަރުވެފައެވެ.