19 Jun 2021, 22:15
މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 200އިން މައްޗަށް ގޮސްފި އެވެ. އޭގެ ތެެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅު ތެރޭ ރަށްތަކުންނެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދާއްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ނެގި 3,400 އަށްވުރެ ގިނަ ސާމްޕަލްއިން ޕޮޒިޓިވްވެފައިވަނީ 211 މީހުންނެވެ.
މިއީ އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު, 69 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ, 142 މީހުންނެވެ.
މިއަދު އަތޮޅު ތެރޭ ރަށްތަކުން ޕޮޒިޓިވްވީ 132 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ, މާލޭ ސިޓީން ޕޮޒިޓިވްވި 54 މީހަކު އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހެކެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު މިހާތަނަށް 71,709 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 66,000 އަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. އަދިވެސް ބަލި ޖެހިފައި 5,403 މީހަކު އެބަތިބި އެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ޖުމްލަ 205 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި މިއަދު މަރުވި ދެ މީހަކު ހިމެނެ އެވެ. އިއްޔެވެސް ދެ މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.